ހަބަރު

ޑިޖިޓަލް ދާއިރާގައި އަންހެނުންގެ ބައިވެރިވުން އަންނަނީ އިތުރުވަމުން: އިހްސާން

ރާއްޖޭގައި ސައިންސާއި ޓެކްނޮލޮޖީ އަދި އިންޖިނިއަރިންގް ފަދަ ޑިޖިޓަލް ދާއިރާތަކުގައި އަންހެނުންގެ ބައިވެރިވުން އިތުރުވަމުން އަންނަކަމަށް ހޯމް މިނިސްޓަރު އަލީ އިހްސާން ވިދާޅުވެއްޖެއެވެ.

 

މިނިސްޓަރު މިހެން ވިދާޅުވީ ދުނިޔޭގެ ޓެލެކޮމިއުނިކޭޝަން އަދި އިންފޮމޭޝަން ސޮސައިޓީ ދުވަހާ ގުޅިގެން ދެއްވި ހިތާބުގައެވެ. 

 

މިއަހަރުގެ ދުވަހުގެ ޝިއާރަކީ "ޖެންޑަރ އިކުއެލިޓީ އިން ޑިޖިޓަލް ޓްރާންސްފޮމޭޝަން" ކަމަށްވާއިރު، މި ދުވަސް ފާހަގަ ކުރަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު "މޯލްޑިވްސް 2.0" އިފްތިތާހުކުރެއްވުމާ ދިމާކޮށްކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

 

"ރާއްޖޭގައި މިފަދަ ފަރަގުތައް ކުޑަނަމަވެސް، މިފަރަގު އެކީއެކަށް ނައްތާލުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ސިޔާސަތާއި، ދެއްވާ އަހައްމިއްޔަތުކަމަކީ އަޅުގަނޑު ހިތުން އަޅުގަނޑުމެން ކޮންމެ ދިވެހި ރައްޔިތެއްވެސް ފާހަގަކުރަންވާނެ ކަމެކެވެ" މިނިސްޓަރު އިހްސާން ވިދާޅުވިއެވެ.

ހޯމް މިނިސްޓަރު ވިދާޅުވިގޮތުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ގިނަ އަދަދެއްގެ އަންހެނުންނާއި އަންހެން ކުދިން ޑިޖިޓަލް އިންގިލާބުގެ ތެރެއިން މަހުރޫމްވެފައި ތިބިއިރު، ރާއްޖޭގެ ހާލަތު ރަނގަޅުކަން ފާހަގަކުރެވެއެވެ. ރާއްޖޭގައި އަންހެން ދަރިންނަށް ތައުލީމު ހާސިލުކުރުމުގައި ތަފާތުކުރުމެއް ނެތި ފުރުސަތު އޮތްކަންވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ. އަދި ޑިޖިޓަލް ޓްރާންސްފޮމޭޝަނަށް މަގުފަހިކުރުވާ ދާއިރާތަކުގައި އަންހެނުން ހަރަކާތްތެރިވާ މިންވަރު އިތުރުވަމުންދާކަމަށް ވިދާޅުވިއެވެ.

 

މިނިސްޓަރު އިހްސާން ވިދާޅުވީ ޑިޖިޓަލް ޓްރާންސްފޮމޭޝަންގައި މިންތީގެ ހަމަހަމަކަން މާނަކުރެވެނީ ހަމައެކަނި ޑިވައިސްތަކާއި އިންޓަނެޓް ގުޅުންތައް އަންހެނުންނަށް ދިނުމަށް ނޫންކަމަށެވެ. އޭގެ މާނައަކީ ތައުލީމު، ސިއްހަތު، ވިޔަފާރި، ދަނޑުވެރިކަން އަދި ވެރިކަން ހިންގުމުގައިވެސް ދިމާވާ މައްސަލަތައް ހައްލުކުރުމަށް ޑިޖިޓަލް ވަސީލަތްތައް ބޭނުންކުރުމުގައި އަންހެނުންވެސް ބާރުވެރި ކުރުވުންކަމަށް އޭނާ ވިދާޅުވިއެވެ. 


ކޮމެންޓް