މިޔަންމާ އަށް ރިކްޓަރ މިންގަނޑުން 7.7 ބާރުމިނުގައި ބިންހެލުމެއް އަތުވެއްޖެއެވެ.
ޔޫއެސް ޖިޔޮލޮޖިކަލް ސަރވޭ (ޔޫއެސްޖީއެސް) އިން ހާމަކޮށްފައިވާ ގޮތުގައި މި ބިންހެލުން އައިސްފައވަނީ މިޔަންމާގެ މެދުތެރޭގެ ސަރަހައްދުތަކަށެވެ. އަދި މި ބިންހެލުމުގެ އަސަރު ނުވަތަ ލޮޅުންތަކުގެ އަސަރު ތައިލެންޑުގެ ވެރިރަށް ބެންގކޮކާއި ޗައިނާގެ ޔުންނާން ޕުރޮވިންސުގެ ބައެއް ރަށްތަކަށް ވެސް ފޯރާފައިވާ ކަމަށް ބުނެއެވެ.
ޔޫއެސްޖީއެސް އިން ރިޕޯޓުކޮށްފައިވާ ގޮތުގައި ބިންހެލުމުގެ ލޮޅުންތައް އެންމެފުރަތަމަ އައީ މިޔަންމާގެ ސައްގާއީ ސަރަހައްދުގެ 16 ކިލޯމީޓަރު ހުޅަނގުއުތުރަށް ބިމުގެ ސަތަހައިގެ 10 ކިލޯމީޓަރު އަޑިއަށް ކަމަށެވެ.
ރިޕޯޓުތައް ބުނާގޮތުން ބިންހެލުމާ ގުޅިގެން މިޔަންމާގެ ނޭޕިޔެޑޯއަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ. މިގޮތުން މަގުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބި، ބައެއް އިމާރާތްތަކުގެ ފުރާޅާއި ސީލިންގ ވެއްޓިފައިވާ ކަމަށް ބުނެއެވެ.
އެހެންނަމަވެސް އެެއްވެސް މީހަކު މަރުވެފައިވާ ކަމުގެ މައުލޫމާތު މިހައިތަނަށް ލިބުނުކަމެއް ހާމައެއް ނުކުރެއެވެ.
ބެންގކޮކަށް ލޮޅުންތައް އެރުމާ އެކު، އެތަކެއް ސަތޭކަ ބަޔަކު ވަނީ އިމާރާތްތައް ދޫކޮށް މަގުތަކަށް ނިކުމެފައެވެ. ލޮޅުންތަކުގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވަނީ ތައިލެންޑުގެ އުތުރުގައި އޮތް ފަތުރުވެރިންގެ މެދުގައި މަގްބޫލު ޗިއަންގ މާއީއަށެވެ. ބެންގކޮކުގެ ޗަތޫޗާކް ސަރަހައްދުގައި ހުރި އިމާރާތެއް ވެއްޓި، އެ އިމާރާތުގެ ދަށުގައި ބަޔަކު ތާށިވި ކަމުގައި ބައެއް ރިޕޯޓުތައް ބުނެއެވެ.
މި ބިންހެލުމުގެ ސަބަބުން ޗައިނާ އަށް ލިބުނު ގެއްލުން އަދިއެއްވެސް ފަރާތަކުން ހާމައެއް ނުކުރެއެވެ.