ދިވެހި މުޖުތަމައު ދުންފަތާ ދުރުކުރުމަށް ހާއްސަކޮށް ދުންފަތުގެ އިސްތިއުމާލުކުރުމަށް އަލަށް ވަންނަ ކުދިން އެކަމުން ދުރުކުރުމަށް "ޖެނެރޭޝަން ބޭން" ގެ ގޮތުގައި ފިޔަވަޅުތަކެއް އެޅުއްވުމަށް ނިންމަވާފައިވާކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
"ރައްޔިތުންނާ އެކު" މި ނަމުގައި ރައީސުލްޖުމްހުރިއްޔާގެ އޮފީހުން ކުރިއަށްގެންދިޔަ ޕޮޑްކާސްޓްގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވަނީ ދުންފަތުގެ އިސްތިއުމާލުކުރުން ކޮންޓްރޯލްކުރުމަށް އަޅުއްވާފައިވާ ފިޔަވަޅުތަކާއި ކުރިއަށްއޮތް ތަނުގައި އަޅުއްވާނެ ފިޔަވަޅުތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ.
މިގޮތުން "ޖެނެރޭޝަން ބޭން" ގެ ގޮތުގައި ފިޔަވަޅުތަކެއް އެޅުއްވުމަށް ނިންމެވީ އަލަށް މިކަމުގެ ތެރެއަށް ވަންނަ ކުދީން، އެކުދިންގެ މުޅި ހަޔާތް އެކަމުން ދުރުކޮށް ސަލާމަތްވުމަށް ބާރުއެޅުއްވުމަށް ކަމަށް ވިދާޅުވިއެވެ. އަދި މިކަމާ ގުޅޭ އިތުރު ތަފްސީލު ފަހުން ހިއްސާކުރައްވާނެކަމުގައި ވިދާޅުވިއެވެ.
ޖެނެރޭޝަން ބޭން ފިޔަވަޅުތަކަކީ ދުނިޔޭގެ އެކި ގައުމުތަކުގައި އަޅަމުންދާ، ދުންފަތުގެ އިސްތިއުމާލުކުރަން އަލަށް ވަންނަ ކުދިން އެކަމުން ދުރުކުރުމަށް އަޅާ ފިޔަވަޅުތަކެކެވެ.
މި ޕޮޑްކާސްޓުގައި ރައީސް ވަނީ ސަރުކާރުގެ ވިސްނުމަކީ ދުޅަހެޔޮ ދިރިއުޅުމަކަށް ރައްޔިތުން ގެންދިއުންކަމުގައި ފާހަގަކުރައްވާފައެވެ.