ތާރީހާއި ސަގާފަތާއި ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ސެންޓަރ ފޮރ ރިސަރޗް އެންޑް ޕަބްލިކޭޝަންގެ ޑީން ޑރ. އާމިނަތު ޝާފިޔާ އާދަމާ އާ ބައްދަލުކުރައްވާ މަޝްވަރާކުރައްވައިފިއެވެ.
މިއީ ދިވެހި ތަރިކަ ދިރާސާކުރާ ގައުމީ މަރުކަޒުގެ ސިގްނޭޗަރ ރިސަރޗް ޕްރޮގްރާމުތައް ފެށުމާއި އެ މިނިސްޓްރީން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ ސިންތާތައް މުއްސަނދިކުރުމާއި މިނިސްޓްރީގެ މުވައްޒަފުންނަށާއި މި ދާއިރާގެ ފަރާތްތަކަށް ހިންގޭ ތަމުރީނުތަކަށް އިލްމީ އެހީތެރިކަން ހޯދޭނެ ގޮތްތަކާ މެދު މަޝްވަރާކުރެއްވުމަށް ބޭއްވި ބައްދަލުކުރެއްވުމެކެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ނެޝަނަލް އައިޑެންޓިޓީ ނުވަތަ ގައުމިއްޔަތު މަޝްރޫއުގެ ދަށުން ދިވެހި ތަރިކަ ދިރާސާކުރާ ގައުމީ މަރުކަޒުގެ މަސައްކަތްތަކަށް ތަމްރީނުކުރަން ބޭނުންވާ މުވައްޒަފުންނަށް އެ ފުރުސަތު ފަހި ކޮށްދިނުމަށް ވާހަކަދެކެވުނެވެ. އަދި އެފަރާތްތަކަށް ދެވޭނެ ތަމްރީނުތަކާ ބެހޭ ގޮތުން ވެސް ވަނީ މަޝްވަރާކުރައްވާފައެވެ.
މީގެއިތުރުން ދިވެހި ތަރިކަ ދިރާސާކުރާ ގައުމީ މަރުކަޒުން ރިސަރޗްކުރާ ފަރާތްތަކަށް ދޭނެ ތަމްރީނުތަކާ ގުޅޭ ގޮތުން ވެސް ފުޅާދާއިރާއެއްގައި ވަނީ ވާހަކަ ދައްކަވާފައެވެ.
އެ މިނިސްޓްރީން ފައިބެއަހަރުގެ ނޮވެމްބަރ 30 ގައި ބޭއްވި ކަޅުއޮށްފުންމި ސިންތާއަށް އަލިއަޅުވާލައްވަމުން މިނިސްޓަރު ވިދާޅުވީ ކޮންމެ ނަކަތަކަށް ސިންތާ ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި ސިންތާތައް މުއްސަނދިކުރުމުގެ ގޮތުން އެކަންކަމުގައި ހަރަކާތްތެރިވާ މުވައްޒަފުންނާއި ފަންނީ ގާބިލުކަން ހުރި ފަރާތްތަކަށް ތަމްރީން ޕްރޮގްރާމުތައް ހިންގުމަށް ބޭނުންވާކަމަށެވެ.
ހަމަމިއާއެކު އެކަމުގައި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ އިލްމީ ބޭފުޅުންގެ އެހީތެރިކަން ބޭނުންވާކަން ވެސް ވަނީ ފާހަގަކުރައްވާފައެވެ. އެ މިނިސްޓްރީން އެންމެފަހުން ސިންތާއެއް ބާއްވާފައިވަނީ މިއަހަރުގެ މާރޗު 6 ގައެވެ.