ރާއްޖެ ޓީވީގެ ކާލާ ބައިސާގައި ދެއްކި ވާހަކަ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ހިމާޔަތްކުރާ ކައުންސިލުން ކުށްވެރިކޮށްފިއެވެ.
ކައުންސިލުން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ރާއްޖެ ޓީވީން މާރިޗު 24 ވަނަ ދުވަހު ގެނެސްދިން "ކާލާ ބައިސާ" ނަމަކަށް ކިޔާ ޕްރޮގްރާމުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ތެރެއިން، އޯޓިޒަމް އަދި ޑައުން ސިންޑްރޯމް ހުންނަ ފަރާތްތަކުގެ ކަރާމާތަށް އުނިކަން ލިބޭފަދަ ބަހުރުވައަކުން އެފަރާތްތަކަށް ނިސްބަތްވާގޮތަށް ވާހަކަ ދައްކާ ޢަމަލުކޮށްފައިވާކަން ފާޙަގަކުރެވިފައިވާ ކަމަށެވެ.
އެކަމާ ގުޅިގެން ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ "ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ހިމާޔަތްކުރާ ކައުންސިލުން ވަނީ ކަންބޮޑުވާކަން ފާހަގަކޮށްފައެވެ.
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަކީ ރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަގްވާމީ މުއާހަދާތަކުންނާއި ރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 35 ވަނަ މާއްދާއިން ހާއްސަ ރައްކާތެރިކަން ލިބިގެންވާ ފަރާތްތަކެއް ކަމަށާއި އެ ގާނޫނުގެ ދަށުން ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ކަރާމާތަށް ހުރިހާ ފަރާތްތަކަކުން އިހްތިރާމްކުރުމަކީ އެފަރާތްތަކަށް ލިބިގެންވާ ހައްގެއް ކަަމަށް ވެސް ބަޔާނުގައި ވެއެވެ.
އޯޓިޒަމް އަދި ޑައުން ސިންޑްރޯމް ހުންނަ ފަރާތްތަކުގެ ކަރާމާތަށް އުނިކަން ލިބޭފަދަ ބަހުރުވައަކުން އެފަރާތްތަކަށް ނިސްބަތްވާގޮތަށް ވާހަކަދައްކާފައިވާތީ، އެފަދަ މީހުންގެ ހައްގުތައް ރައްކާތެރިކޮށް ކުރިއަރުވައި އެމީހުންގެ ލާބައަށް މަސައްކަތްކުރާ ފަރާތެއްގެ ހައިސިއްޔަތުން އެކައުންސިލުން އެކަން ކުށްވެރިކޮށް، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އިންސާނީ ކަރާމަތާއި ހައްގުތައް ކަށަވަރު ކުރެވޭނެ ފަދަ ގޮތްތަކަށް މުޖުތަމައުގެ ހުރިހާ ފަރުދުން ގުޅިގެން މަސައްކަތް ކުރުމަށް ވަނީ އިލްތިމާސް ކޮށްފައެވެ.