ކިޔަވައިދޭ ދުވަސްތައް ނޫނީ ގަޑިތައް ނުގެއްލޭގޮތަށް، ކުރިއަށްއޮތްތާގައި ކޮންމެ އަހަރަކުވެސް މުޅި ރަމަޟާން މަސް އެއްކޮށް ސްކޫލުތައް ބަންދުކުރެއްވުމަށް ހަމަޖައްސަވައިދެއްވޭތޯ ބެއްލެވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު، އެޑިއުކޭޝަން މިނިސްޓަރ އިސްމާޢީލް ޝަފީޢު އަށް ދަންނަވައިފިއެވެ.
"ރައްޔިތުންނާ އެކު" މިނަމުގައި ކުރިއަށްގެންދިޔަ ޕޮޑްކާސްޓްގައި ވާހަކަފުޅު ރައީސް ވިދާޅުވީ މިއަހަރު އެކަޑެމިކް ކަލެންޑަރުގައި ހަމަޖެއްސުމަށް ކުރިން އޮތީ މިއަހަރުގެ ރަމަޟާން މަހުގެ އެއް ހަފުތާ ފިޔަވައި މުޅި ރަމަޟާން މަސް ބަންދުކުރާ ގޮތަށްކަމުގައެވެ.
އެހެންނަމަވެސް ފަހުން އެކި ކަންކަން ހަމަޖެއްސުމަށްފަހު މުޅި ރަމަޟާން މަސް ބަންދުކުރައްވާގޮތަށް ކަންކަން ހަމަޖެއްސެވުމުން ގިނަ ބެލެނިވެރިންގެ ފަރާތުން އެކަމަށް އެދެވޭ، ރަނގަޅު ހިޔާލުތަކެއް ލިބިވަޑައިގެންނެވިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ރަމަޟާން މަސް ބަންދުކުރުމަކީ ގިނަ ބެލެނިވެރިން އެދޭކަމެއް ކަމުގައި އެމަނިކުފާނަށް ފާހަގަވާތީ ކުރިއަށްއޮތް އަހަރުތަކުގައި ވެސް އެކަމަށް މަގުފަހިކޮށްދެއްވުމަށް މަސައްކަތް ކުރައްވާކަމުގައި ވިދާޅުވިއެވެ.
މިއަދުގެ ޕޮޑްކާސްޓުގައި އެމަނިކުފާނު ވަނީ ރަމަޟާން މަސް ސްކޫލްތައް އެއްކޮށް ބަންދުކުރުމުން ލިބޭ ފައިދާތަކުގެ މައްޗަށް ވެސް އަލިއަޅުއްވާލައްވާފައެވެ. މިގޮތުން މިކަމުގެ ސަބަބުން ދަރިވަރުންނާ ބެލެނިވެރިން ވެސް އަޅުކަމުގައި ވަގުތު ހޭދަކުރުމަށް މަގުފަހިވެގެންދާނެކަމުގައި ވިދާޅުވިއެވެ.
މީގެއިތުރުން ރަމަޟާން މަހަށްފަހު އީދު ބަންދާ ގުޅިގެން، ސަރުކާރުން އިސްނަގައިގެން މުސްލިމުން އުފާފާޅުކުރުމަށް މަގުފަހިކުރަން ޖެހޭނެކަން އެމަނިކުފާނު ގަބޫލުފުޅުކުރައްވާ ކަމަށް ވެސް ވިދާޅުވިއެވެ. އަދި އެކަމަށް މަގުފަހިކޮށްދެއްވުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތަކުގެ ތަފްސީލީ މައުލޫމާތު ވެސް މި ޕޮޑްކާސްޓުގައި ހިއްސާކުރެއްވިއެވެ.