ރާއްޖޭގެ ފުޓްބޯޅަ ކޯޗުންގެ ތެރޭގައި ފާހަގަކޮށްލެވޭ އިހްސާން އަބްދުލްޣަނީ (ސާންތީ) ގެ ހަނދާނުގައި ތައުޒިޔާގެ ދަފްތަރެއް ހުޅުވުމަށް ނިންމައިފިއެވެ.
ސްޕޯޓްސް މިނިސްޓްރީން ހާމަކުރައްވާފައިވާ ގޮތުގައި ރާއްޖޭގެ ކުޅިވަރަށް ކޮށްދެއްވާފައިވާ އަގުހުރި ހިދުމަތްތަކެއް ކޮށްދެއްވާފައިވާ މަރްހޫމް އިހްސާންގެ ހަނދާނުގައި މި ދަފްތަރު ހުޅުވުމަށް ނިންމާފައިވަނީ މާރޗު 27 ވަނަ ދުވަހުގެ ހަވީރު 4 ޖަހާއިރު، ގަލޮޅު ރަސްމީ ފުޓްބޯޅަ ދަނޑުގައެވެ.
ފުޓްބޯޅައިގެ ނަމުން ނަމަ، ސާންތީ ނިޔާވީ މާރޗު 22 ވަަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. އަދި ނިޔާވީ ކެންސަރަށް ފަރުވާދެމުން ދަނިކޮށް، ޓްރީ ޓޮޕް ހޮސްޕިޓަލުގައެވެ.
ފާއިތުވެދިޔަ ދެތިން އަހަރު ދުވަހު ކެންސަރަށް ފަރުވާ ހޯއްދަވަމުންގެންދެވި ސާންތީ އަކީ ރާއްޖޭގެ ފުޓްބޯޅަ އަށް ގިނަގުނަ ހިދުމަތްތަކެއް ކުރައްވާފައިވާ ފަރާތެކެވެ. ހާއްސަކޮށް ޒުވާން ކުޅުންތެރިންނަށް ފުރުސަތުދީ، އެފަރާތްތަކުގެ ކުރިމަގަށް ވަނީ ހިދުމަތްކުރައްވާފައެވެ.
ސާންތީ ވަނީ ރާއްޖޭގެ ފުރަތަމަ ޑިވިޜަންގެ ބައެއް ކުލަބުތަކަށާއި ރާއްޖޭގެ ގައުމީ ޓީމުތަކަށް ވެސް އިރުޝާދު ދެއްވާފައެވެ.