ރައީސް ޑރ. މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު، ޙާފިޡުން ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައިފިއެވެ.
ކީރިތި ޤުރްއާނާބެހޭ މަރުކަޒުން އިންތިޒާމްކޮށްގެން މާރޗު 26 ވަނަ ދުވަހުގެ ރޭ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ކުރިއަށްގެންދިޔަ މި ރަސްމިއްޔާތުގައި ރައީސް ވަނީ ދަސްވެނިވި 22 ޙާފިޡުންނަށް ޙާފިޡުކަމުގެ ސެޓްފިކެޓް ހަވާލުކޮށްދެއްވާފައެވެ.
މި ސަރުކާރުން ދީނީ ކަންކަމަށް ދެއްވާ ހާއްސަ ސަމާލުކަމުގެ ސަބަބުން، ކީރިތި ޤުރްއާން އުނގަންނައިދިނުމުގެ ޢަމަލީ މަސައްކަތް ވަނީ ކުރިއަށް ވުރެ ފުޅާވެގެންގޮސްފައެވެ. އެގޮތުން މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ކީރިތި ޤުރްއާން ކިޔަވައިދޭ ކްލާސްތައް ހިންގެވުމަށް ނިންމެވުމާއި ގުޅިގެން، ހިލޭ ސާބަހަށް ކިޔަވައިދޭ ކްލާސްތަކެއް ރާއްޖޭގެ އެކި ސަރަހައްދުތަކުގެ 10 މިސްކިތެއްގައި މިހާރު ހިންގަމުން އެބަ ގެންދެއެވެ.
މީގެ އިތުރުން އެކި ސަބަބުތަކާ ހުރެ ހުއްޓިފައިވާ ކީރިތި ޤުރްއާނާބެހޭ މަރުކަޒުގެ ގޮފިތައް އަލުން ފެށުމުގެ ގޮތުން މުދައްރިސުން ހޯދުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން 6 ރަށަކަށް ބޭނުންވާ މުދައްރިސުން ރާއްޖެއިން ބޭރުން ވަނީ ގެނަސްފައެވެ. އަދި ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުގެ ސެންޓަރުތައް 7 ރަށެއްގައި އަލަށް ޤާއިމުކޮށްފައިވެއެވެ.
ހަމަމިއާއެކު ހުޅުމާލޭގައި ކީރިތި ޤުރްއާން ކިޔަވައިދިނުން އިތުރަށް ފުޅާކުރެވި، ވިލިމާލޭގައި ވެސް ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުގެ ސެންޓަރެއް ހުޅުވައި ކިޔަވައިދޭން ވަނީ ފަށާފައެވެ.
ޙާފިޡުން އުފެއްދުމަށް މި ސަރުކާރުންދޭ ހާއްސަ އަހަންމިއްޔަތުގެ ތެރެއިން 630 ދަރިވަރުން މިހާރުވެސް ކިޔަވަމުންދާއިރު، ކީރިތި ޤުރްއާން ހިތުދަސްކުރާ ފަރާތްތަކަށް ސަރުކާރުންދޭ މާލީ އިނާޔަތް ދެގުނައަށް ބޮޑުކުރެއްވުމަށް ވެއް ރައީސް ވަނީ ނިންމަވާފައެވެ. އަދި ޙާފިޡުކަމުގެ ސެޓްފިކެޓަކީ އެޑްވާންސް ލެވެލްގެ ސެޓްފިކެޓެއްގެ ގޮތުގައި މިސަރުކާރުން ވަނީ ހަމަޖައްސަވާފައެވެ.
ހަމައެއާއެކު މި ސަރުކާރުން އިސްނަގައިގެން މިސްކިތްތަކުގެ އިމާމުންގެ ޤުރްއާން ކިޔެވުމުގެ ފެންވަރު ރަނގަޅު ކުރުމަށް "ތަޙްސީނުލް ޤުރްއާން" ގެ ނަމުގައި ހާއްސަ ޕްރޮގްރާމެއް ކުރިއަށްގެންދިއުމާ، ކީރިތި ޤުރްއާނުގެ ފަންނާ ހުނަރު ތަރައްގީކޮށް ކުރިއަށްގެންދިއުމުގެ ގޮތުން "މަޤާމާތުލް ޤުރްއާނިލްކަރީމް" ގެ ނަމުގައި ޕްރްގްރާމެއް ކުރިއަށް ގެންދެއެވެ. އަދި މި ސަރުކާރުން ވަނީ ރާއްޖޭގެ ޤުރްއާން ކިޔެވުމުގެ ގައުމީ މުބާރާތަކީ ޒަމާނުއްސުރެ ޒަކާތު ފަންޑުން ކުރަމުންގެންދިޔަ މަސައްކަތެއްގެ ގޮތުގައި އޮތްއޮތުން ނިމުމަކަށް ގެންނަވައި މިއަހަރުން ފެށިގެން އެ މުބާރާތަކީ ސީދާ ދައުލަތުގެ ބަޖެޓުން ހަރަދުކުރައްވައިގެން ކުރިއަށްގެންދާ މުބާރާތެއްގެ ގޮތުގައި ކަނޑައަޅުއްވާފައެވެ.
މި މުބަރާތުގެ އިތުރުން ޙާފިޡުންނަށް ހާއްސަ މުބާރާތެއް ވެސް މިއަހަރު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.