ކީރިތި ގުރްއާން ހިތުދަސްކުރި 24 ހާފިޘުންނަށް ސަނަދު ދީފިއެވެ.
އެ ފަރާތްތަކަށް ސަނަދު ދީފައިވަނީ ކީރިތި ގުރްއާނާބެހޭ މަރުކަޒުން އިންތިޒާމްކޮށްގެން ބޭއްވި ހާއްސަ ޖަލްސާއެއްގައެވެ. އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ކުރިއަށްގެންދިޔަ މި ރަސްމިއްޔާތުގައި ދަސްވެނިވި ޙާފިޡުންނަށް ޙާފިޡުކަމުގެ ސަނަދު ހަވާލުކޮށްދެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒެވެ.
މި ރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ފަސް އަހަރު ތެރޭގައި 1،000 ކުދިން ހާފިޒުންނަށް ހެދުން ކަމަށެވެ. އަދި ހާފިޘުންނަށް ހަވާލުކުރި ހާއްސަ ގައުނަކީ އެ ކަމަށް ހާއްސަކޮށްގެން ފަރުމާކޮށްފައިވާ ގައުނެއް ކަމަށެވެ.
ތަފާސްހިސާބުތަކަށް ބަލާއިރު، މިހާތަނަށް 250 ކުދިންނަށް ހާފިޘުކަމުގެ ސަނަދު މިނިސްޓްރީން ދީފައިވާއިރު، 630 ދަރިވަރުން މިހާރު ވެސް ދަނީ ކިޔަވަމުންނެވެ.
ގުރްއާން ހިތުދަސްކުރާ ހާފިޘުންނަށް މީގެކުރިން ސަނަދު ދެމުން އައީ ގުރްއާން މުބާރާތުގެ ގައުމީ ނަތީޖާ ފާޅުކުރާ ޖަލްސާގައި ތެރެއިން ނަމަވެސް މިއަހަރުން ފެށިގެން ހާފިޘުންނަށް ސަނަދު ދިނުމަށް ކޮންމެ ރަމަޟާން މަހެއްގެ 27 ވިލޭރޭ ވަކި ހާއްސަ ޖަލްސާއެއް ބޭއްވުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.
މީގެއިތުރުން ޙާފިޡުންނަށްދޭ ސަނަދަކީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިޔުއޭ) އިން ގަބޫލުކުރާ މިންގަނޑަށް ބަދަލުކުރުމަށް ވެސް ސަރުކާރުން ވަނީ ނިންމާފައެވެ. އަދި ޙާފިޡުން ޢުމްރާއަށް ފޮނުވުމުގެ ހާއްސަ މަޝްރޫއެއްވެސް ސަރުކާރުން ފަށާފައި ވެއެވެ.
ހަމަމިއާއެކު ކޮންމެ ދަރަޖައެއްގައި ޙާފިޡަކު ފާސްވި ނަމަވެސް، ރައީސްގެ ހާއްސަ މެޑަލް ދެއްވާގޮތަށް ވެސް ވަނީ ނިންމާފައެވެ.