ޙާފިޡުންގެ ދަސްވެނިވުމުގެ ޝަރަފްވެރި ޖަލްސާ މިރޭ އޮންނާނެއެވެ.
މިއީ ކީރިތި ޤުރުއާން ހިތުދަސްކުރާ ޙާފިޡުންނަށް، ޙާފިޡްކަމުގެ ސަނަދު އެރުވުމަށް މުޅިން އަލަށް ބާއްވާ ޖަލްސާއެކެވެ. މި ޖަލްސާ އޮންނާނީ މިރޭ 10 ޖަހާއިރު، އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައެވެ.
ކީރިތި ޤުރުއާން ހިތުދަސްކުރާ ފަރާތްތަކުގެ އަގު ވަޒަންކޮށް، ޝަރަފްވެރިކަމާއެކު ސަނަދު އެރުވުމަށް ސަރުކާރުން ބާއްވާ މި ޖަލްސާ ޝަރަފްވެރިކޮށްދެއްވާނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުއެވެ. މިރޭ 24 ޙާފިޡަކަށް ސަނަދު އަރުވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
މީގެ ކުރިން ހާފިޒުން ދަސްވެނިވުމަށް ހާއްސަކޮށްގެން ޖަލްސާއެއް ބާއްވާފައިނުވެއެވެ. ދަސްވެނިވާ ޙާފިޡުންނަށް އިނާމާއި މެޑަލް ދެމުން އައީ އެކި އަހަރު އެކި މުނާސަބާތުތަކާ ގުޅުވައިގެން ބާއްވާ ޖަލްސާތަކުގައެވެ.
އެހެންނަމަވެސް މިއަހަރު އެކަން ބަދަލުކުރައްވައި ޤުރުއާން ހިތުދަސްކުރާ ފަރާތްތަކަށް ސަނަދު އަރުވައި އެފަރާތްތަކުގެ އަގުވަޒަންކުރުމަށް ހާއްސަ ޖަލްސާއެއް ބޭއްވުމަށް ސަރުކާރުން ނިންމެވިއެވެ.
ކީރިތި ޤުރުއާން ހިތުދަސްކުރާ ޙާފިޡުންނަށް ސަރުކާރުން ހާއްސަ އިސްކަމެއް ދެއްވައެވެ. އެގޮތުން، ކީރިތި ޤުރްއާން ކިޔެވުމުގެ 36 ވަނަ ގައުމީ މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ޑރ. މުޢިއްޒު ވަނީ ދައުލަތުން މިހާރު ޙާފިޡުންނަށް ދޭ އިނާޔަތް، ދެގުނައަށް ބޮޑު ކުރައްވާނެ ކަމަށް ވެސް ވިދާޅުވެފައެވެ.