ޣައްޒާގައި ޔަހޫދީ އާބާދީ އިތުރުކުރުން ރާއްޖެއިން ކުށްވެރިކޮށްފި

ހުޅަނގު އައްސޭރީގައި ޔަހޫދީންގެ އާބާދީތައް އިތުރުކުރުމަށް އިސްރާއީލުން އަޅާ ފިޔަވަޅުތައް ރާއްޖެއިން ކުށްވެރިކޮށްފިއެވެ.

 

ރާއްޖޭގެ ފޮރިން މިނިސްޓްރީން ނެރުއްވި ނޫސްބަޔާނެއްގައި ވިދާޅުވީ ފަލަސްތީނުގެ ރައްޔިތުން މަޖުބޫރުން ޣައްޒާއިން ބޭރުކުމުގެ މަގްސަދުގައި އޭޖެންސީއެއް ގާއިމުކުރުމަށް އިސްރާއީލު ސަރުކާރުން ކޮށްފައިވާ އިއުލާން ކުށްވެރިކުރައްވާ ކަަމަށެވެ. އަދި ހުޅަނގު އައްސޭރީގައިވާ 13 ޣައިރުގާނޫނީ އާބާދީ ހިމެނޭ ސަރަހައްދު ވަކިކޮށް، އެ އާބާދީތަކަށް ގާނޫނީ ހައިސިއްޔަތު ދިނުމަށް ތައްޔާރުވުމުގެގޮތުން ރާވާފައިވާ ރޭވުންތައް ވެސް ދިވެހި ސަރުކާރުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާކަމަށް ވަނީ ވިދާޅުވެފައެވެ.



އެ ބަޔާނުގައި އިތުރަށް ވަނީ ފަލަސްތީނުގެ ރައްޔިތުން އެބައިމީހުންގެ ބިމުން ނެރުމަށް ހިންގާ މިފަދަ ޢަމަލުތަކަކީ ބައިނަލްއަގްވާމީ ގާނޫނާއި އދ.ގެ ގަރާރުތައް، ހާއްސަކޮށް އދ.ގެ ސަލާމަތީ މަޖިލީހުގެ ގަރާރު 2334 އާ މުޅިން ހިލާފު ޢަމަލުތަކެއްކަމަށެވެ. އަދި މިފަދަ ޢަމަލުތަކަކީ ސުލްހައަށް ކުރެވޭ މަސައްކަތްތަކަށް ހުރަސްއެޅޭ އަދި ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތަކާއި ކަރާމާތަށް ނުރައްކާވާފަދަ ކަންތައްތަކެއްގެ ގޮތުގައި ވެސް ވަނީ ފާހަގަކުރައްވާފައެވެ.

 

މީގެއިތުރުން މި ހަމަނުޖެހުމަށް ދެމެހެއްޓެނިވި، ސުލްހަވެރި ހައްލެއް ހޯދޭނީ 1967 ވަނަ އަހަރުގެ ކުރިން ކަނޑައެޅިފައިއޮތް އިންތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ޤުދުސްއަކީ ފަލަސްޠީނުގެ ވެރިކަންކުރާ ރަށްކަމުގައި ކަނޑައަޅައި، ފަލަސްޠީނަކީ މިނިވަން، މުސްތަޤިއްލު އަދި އަމިއްލަ ސިޔާދަތީ ބާރުހިނގާ ދައުލަތެއްގެގޮތުގައި ގާއިމުކުރެވުމުންކަމުގައި ރާއްޖޭން ބުނާ ބުނުން އެ ބަޔާނުގައި ވަނީ ތަކުރާރުކުރައްވާފައެވެ.

 


  • އިސްރާއީލް
  • ފޮރިން މިނިސްޓަރ
  • ފަލަސްތީން
  • ފޮރިން މިނިސްޓްރީ
  • ކޮމެންޓް