ދުއާކޮށް އަޅުކަން ކުރުމަށް ކިބުރުވެރިވާ މީހާ ނިކަމެއްޗަކަށްވާހާލު، ވަންނާނީ ނަރަކައަށް

ދުޢާކޮށް އަޅުކަން ކުރުމަށް ކިބުރުވެރިވާ މީހާ ނިކަމެއްޗަކަށްވާހާލު ނަރަކަށް ވަންނާނެ ކަމުގައި ކުރީގެ ރައީސް އަދި ދީނީ އިލްމުވެރިޔާ އަލްއުސްތާޛު މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

 

އެމަނިކުފާނު މިފަދައިން ވިދާޅުވީ ރަމަޟާން މަހުގެ ރޭތައް އިހްޔާކުރުމަށް މައުމޫން ފައުންޑޭޝަނުން ބާއްވާ ސިލްސިލާ އިހްޔާ ޕްރޮގްރާމުގެ ތިންވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

 

ރައީސް މައުމޫން ވިދާޅުވީ ދުޢާކުރުމަކީ އިސްލާމްދީނުގެ ވަރަށް މުހިންމު ރުކުނެއްކަމަށާއި މާތްﷲ ދުޢާކުރުމަށް އަންގަވާފައިވާކަމަށެވެ. ދުޢާކޮށް އަޅުކަން ކުރުމަށް ކިބުރުވެރިވާ މީހާ ނިކަމެއްޗަކަށްވާހާލު ނަރަކަށް ވަންނާނެކަމަށް އަންގަވާފައިވާ ކަމަށް ވިދާޅުވިއެވެ.

 

އެމަނިކުފާނު ވިދާޅުވީ ދުޢާކުރުމަކީ އަޅުކަންކުރުމުގެ ސިކުނޑިކަމަށާއި އަޅުކަންކުރުމުގެ އެންމެ މުހިންމު ބަޔަކީ ދުޢާކުރުންކަމަށެވެ. އަދި ނަމާދަށް ބަލާލިނަމަވެސް ގިނައިން ހިމެނެނީ ދުޢާތައްކަން ފާހަގަކުރައްވާ އެމަނިކުފާނު ވަނީ ޤުރުއާނުގެ ވެސް ބޮޑުބަޔަކީ ދުޢާކަމަށް ވިދާޅުވެފައެވެ.

 

"ދުޢާ އިޖާބަކުރައްވާނީ އަޅުގަނޑުމެން މާތްﷲ އިޖާބަދީގެން. ދުޢާކުރުމަކީ އިންސާނާގެ އީމާންކަން ސާބިތުކޮށްދޭކަމެއް. ދުޢާނުކުރާ މީހުންނަކީ އީމާންކަމުން ދުރަށް ޖެހިފައިވާ ބައެއް."

 

"އިޖާބަކުރަނިވި ދުޢާ"  މި މައުޟޫއަށް ވާހަކަފުޅު ދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ މާތްﷲ އެންގެވިގޮތަށް އުޅެ، އެކަލާނގެ އަމުރުފުޅުތަކަށް ކިޔަމަންވެ، ނަހީކުރެއްވި ކަންތައްތަކުން ދުރުވެ، ސީދާމަގުގައި ފައިތިލަ ސާބިތުކޮށްގެން އުޅުމަކީ ދުޢާ އިޖާބަކުރެއްވުމުގެ ޝަރުތެއް ކަމަށެވެ. އަދި އިޖާބަކުރައްވަނިވި ދުޢާއަކީ މާތްﷲ އަންގަވާފައިވާ ގޮތުގެ މަތިން ދިރިއުޅުން ބައްޓަންކޮށްގެން ދިރިއުޅުމުގައި ސީދާ ތެދުމަގުން ދަތުރުކުރާ މީހުންނަށް އޮތްކަމެއް ކަމުގައި ވެސް ވަނީ ހަނދާންކޮށްދެއްވާފައެވެ.

 


  • އިހްޔާ ފޯރަމް
  • ރަމަޟާން މަސް
  • މައުމޫން ފައުންޑޭޝަން
  • ރައީސް މައުމޫން
  • ކޮމެންޓް