ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މަލާމާތްކޮށް ކޮންޓެންޓެއް ގެނުވުނީތީ ރާއްޖެ ޓީވީން މައާފަށް އެދިއްޖެއެވެ.
މި ކޮންޓެންޓު އެ ޓީވީން ގެނެސްދީފައިވަނީ މި މަހުގެ 22 ވަނަ ދުވަހުގެ ރޭ 'ކާލާ ބައިސާ' ގެ ނަމުގައި ވަގުތުން ގެނެސްދިން ޕްރޮގްރާމެއްގައެވެ.
ރާއްޖެ ޓީވީން ނެރުނު ބަޔާނެއްގައި ބުނީ އެ ޕްރޮގްރާމުގައި ބައިވެރިވި މެހުމާނުން ދެއްކި ވާހަކަތަކުގެ ތެރޭގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ކުޑައިމީސްވާގޮތަށް ދެއްކި ވާހަކަތަކަކީ އޯޓިޒަމް ކުދިންނަށް ނިކަމެތިކަން ލިބޭގޮތަށް ދޭހަވާ އިބާރާތަކުން ދެކެވިފައިވާ ވާހަކަތަކެއްކަމަށް ބުނެ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާކަމަށެވެ.
މީގެއިތުރުން އެ ޕްރޮގްރާމުގައި ދައްކާފައި އެވާ ވާހަކަތަކުން އޯޓިޒަމް ކުދިންނަށް ނިކަމެތިކަމެއް އަންނަކަމަށް އެއްވެސް ބަޔަކަށް ގަބޫލުކުރެވޭނަމަ، އެކަމަށްޓަކައި މައާފަށް އެދޭކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.
ކާލާ ބައިސާ ޕްރޮގްރާމްގައި ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) އާއި ކުރީގެ ކާނަލް އަހުމަދު ފަޔާޒް އަލީ ރިޒާ (ޕާޕާ ފަޔާޒް)، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާ ގުޅުވައި ހަޖޫ ޖަހާފައިވަނީ ސިޔާސީ ވާހަކަތަކާ ގުޅުވައިގެންނެވެ.
އެގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒު ނޫސްވެރިޔަކަށް ފޯނުން ގުޅުއްވާ އިންޒާރުދިން ވާހަކަ ދައްކަވަމުން ގޮސް މފަޔާޒު ވަނީ ރައީސް ޑރ. މުއިއްޒަށް ނިސްބަތްކޮށް، އޯޓިސްޓިކް ގޮތެއް އެމަނިކުފާނުގެ ހުންނަ ކަމަށް ބުނެފައެވެ. އަދި އެމަނިކުފާނުގެ ޢަމަލުތައް ހުންނަވަނީ އޯޓިސްޓިކް ކުއްޖެއްގެ ޢަމަލުތައް ހުންނަ ގޮތަށް ކަމަށް ވެސް ބުނެފައި ވެއެވެ.
މިއާއެކު މޮސްޓާ ވަނީ ރައީސްގެ ހުންނަނީ އޯޓިޒަމް އެކަނި ނޫންކަމަށާއި ޑައުންސިންޑްރޮމް ވެސް ހުންނަހެން ހީވާކަމަށް ބުނެފައެވެ. އަދި އެފަދަ ބަލިތައް ތަހައްމަލު ކުރަމުންދާ ކުދިންގެ ހާލަތަށް މަލާމާތްކޮށް މި ސަރުކާރު ހިންގަނީ އޮޓިސްޓިކް ބޭފުޅެއްހެން ހީވާ ކަމަށް ބުނުމުން އެ ޕްރޮގްރާމު ހުށަހަޅަން އިން ފަރާތާއެކު އެ ތިން މީހުން ވެސް ވަނީ ހޭން ފަށާފައެވެ.
އެ ޕްރޮގްރާމުގެ މައްސަލަ ބްރޯޑްކޮމް އިން ބަލަން ފަށާފައިވާއިރު، އެޗްއާރްސީއެމް އިން ވެސް ވަނީ އެކަން ކުށްވެރިކުރައްވާފައެވެ. އަދި ގިނަ އަދަދެއްގެ އާންމުން ވެސް ދަނީ އެކަން ކުށްވެރިކޮށް މައްސަލަ ބަލާ، ފިޔަވަޅު އެޅުމަށް ގޮވަމުންނެވެ.