ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަަކަށް މަލާމާތް ރައްދުވާގޮތަށް ވާހަކަދެއްކުން ހިއުމަން ރައިޓްސް ކޮމިޝަން އިފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ކުށްވެރިކޮށްފިއެވެ.
އެ ކޮމިޝަނުން މިކަން ކުށްވެރިކޮށްފައި މިވަނީ މާރިޗު 22 ވަނަ ދުވަހުގެ ރޭ ރާއްޖެ ޓީވީގެ ”ކާލާ ބައިސާ“ ޕްރޮގްރާމްގައި ދައްކާފައިވާ ވާހަކައަކާއި ގުޅިގެންނެވެ.
އެ ޕްރޮގްރާމުގައި ވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ކުޑައިމީސްކޮށް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަކީ ދަށް ބައެއްގެ ގޮތަށާއި މަލާމާތް ރައްދުވާ މޭރުމަކުން ވާހަކަ ދައްކާފައެވެ.
އެހެންކަމުން އެކަން ކުށްވެރިކުރައްވާ އެޗްއާރްސީއެމް އިން ނެރުއްވާފައިވާ އެކަން ކުށްވެރިކުރައްވާ ވިދާޅުވީ މުޖުތަމައުގެ އެހެންމީހުންނެކޭ އެއްގޮތަށް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވެސް އިންސާނީ ހައްގުތައް އެއްހަމައެއްގައި ލިބިދީފައިވާ ކަމަށެވެ.
މީގެއިތުރުން ކޮންމެ މީހަކަށް ވެސް އަބުރުވެރިކަމާ ކަރާމާތްތެރިކަމާއެކު ދިރިއުޅުމުގެ ހައްގު ވެސް ލިބިދީފައިވާ ކަމަށެވެ. އެހެންކަމުން މިފަދަ ޢަމަލުތައް ނުކުރުމަށާއި މީޑިއާތަކުން ގެނެސްދޭ މަންޒަރާއި އަޑު އަދި މައުލޫމާތު ގެނެސްދިނުމުގައި މުޖުތަމައުގެ އެއްވެސް ފަރުދެއްގެ އިންސާނީ ހަައްގާއި އިންސާނީ ކަރާމާތަށް އުނިކަން ނާންނާނެފަދަ ގޮތަކަށް ގެނެސްދިނުމަށް ސަމާލުކަން ދިނުމަށް އެ ކޮމިޝަނުން ހުރިހާ މީޑިއާތަކަށް ވަނީ އިލްތިމާސްކުރައްވާފައެވެ.
ހަމަމިއާއެކު މިފަދަ މައްސަލަތައް ބެލުމަށް ކަމާގުޅުންހުރި އިދާރާތަކަށް ވަނީ ގޮވާލައްވާފައެވެ.