ޕާކިސްތާނުގެ ގައުމީ ދުވަސް ފާހަގަކުރުމަށް ހާއްސަ ހަފުލާއެއް ބާއްވައިފި

ޕާކިސްތާނުގެ ގައުމީ ދުވަސް ފާހަގަކުރުމަށް، ރާއްޖޭގައި ހުންނަ އެގައުމުގެ އެމްބަސީން ހާއްސަ ހަފުލާއެއް ބާއްވައިފިއެވެ.

 

ހައިކޮމިޝަނުގައި ކުރިއަށް ގެންދިޔަ ހާއްސަ ރަސްމިއްޔާތުގައި މާލޭގައި ދިރިއުޅޭ ޕާކިސްތާނު ރައްޔިތުން ބައިވެރިވެފައި ވެއެވެ. އަދި ދިދަ ނެގުމާއި ދުވަހާ ގުޅޭ ހާއްސަ މެސެޖުތައް ވެސް ވަނީ ދައްކާފައެވެ.

 

އެ މެސެޖުތަކުގެ ތެރޭގައި ޕާކިސްތާނުގެ ރައީސާއި، ބޮޑުވަޒީރާއި، ބޮޑުވަޒީރުގެ ނައިބާއި، ޚާރިޖީ ވަޒީރު ދެއްވި މެސެޖު ހިމެނެއެވެ.

 

ޕާކިސްތާނު ހައިކޮމިޝަނަރު ފައިސަލް ރަސޫލް ލޮދި ވަނީ ޕާކިސްތާނުގެ މިނިވަންކަމަށް އެ ގައުމުގެ ކާބަފައިން ވެވަޑައިގެންނެވި ގުރުބާނީ ފާހަގަކުރައްވާފައެވެ. އެގޮތުން ޕާކިސްތާނުގެ ބާނީ މުޙައްމަދު އަލީ ޖިނާހާއި، ޑރ. އައްލާމާ މުޙައްމަދު އިގްބާލުގެ ހިދުމަތްތައް ފާހަގަކުރައްވާ، މިއީ އެއްބައިވަންތަކަމުގެ ރޫހާއި އަޚްލާގު އާލާކޮށް ދެމެހެއްޓުމުގެ ދުވަހެއްކަމަށް ވަނީ ވިދާޅުވެފައެވެ.

 

މީގެއިތުރުން ޖައްމު އާއި ކަޝްމީރުގެ ރައްޔިތުން ތަހައްމަލުކުރަމުން އަންނަ ހާލާއި، ފަލަސްތީނުގެ ރައްޔިތުން އެ މީހުންގެ އަމިއްލަ މިނިވަންކަމަށް ކުރަމުން އަންނަ ޖިހާދުގެ މައްޗަށް ވެސް ވަނީ އަލިއަޅުއްވައިލައްވައިފައެވެ.

 

މި ދުވަސް ފާހަގަކުރުމަށް ބޭއްވި ހާއްސަ ތަރާވީހުގައި ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލާއި، ހަޔަރ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރާއި އެގްރިކަލްޗަރ އެންޑް އެނިމަލް މިނިސްޓަރ ޑރ. މަރްޔަމް މާރިޔާ އާއި އެހެނިހެން އިސް ބޭފުޅުން ބައިވެރިވެވަޑައިގަތެވެ. އަދި ދުވަސް ފަހަގަކުރުމުގެ ގޮތުން ހާއްސަ ކޭކެއް ވެސް ފަޅައިފައިވެއެވެ.

 

ކޮންމެ އަހަރެއްގެ މާރޗު މަހުގެ 23ގައި ޕާކިސްތާން ދުވަސް ފާހަގަ ކުރަނީ، 1956 ގައި އެގައުމު އިސްލާމީ ޖުމްހޫރިއްޔާއަކަށް ބަދަލުވެ، އެގައުމުގެ ފުރަތަމަ ގާނޫނު އަސާސީއަށް ޢަމަލު ކުރަން ފެށި ދުވަސް ހަނދާން އާކުރުމުގެ ގޮތުންނެވެ.

 

 

 


  • ޕާކިސްތާން
  • ކޮމެންޓް