ކުޑަ ކަމެކޭ ހިތައި ބައެއް މީހުން ބައެއް ފާފަތައް ކުރަމުން އަންނަކަމަށާއި އެހެންނަމަވެސް މިއީ ވަރަށް ނުރައްކާތެރިކަމެއް ކަމުގައި ޑރ. އަނާރާ ނައީމް ހަނދާންކޮށްދެއްވައިފިއެވެ.
އެކަމަނާ މިފަދައިން ހަނދާންކޮށްދެއްވީ ރަމަޟާންމަހުގެ ރޭތައް އިހްޔާކުރުމަށް ސިލްސިލާކޮށް ބާއްވަމުންދާ އިހްޔާ ފޯރަމްގައި ވާހަކަދައްކަވަމުންނެވެ.
ޑރ. އަނާރާ ވަނީ މިކަމުގެ ނުރައްކާތެރިކަން އަރަބި ޅެންވެރިއަކު ސިފަކުރައްވާފައިވާގޮތަށް ވިދާޅުވެދެއްވާފައެވެ. އެގޮތުން ވަރަށް ބޮޑެތި ބިޔަ ފަރުބަދަތައް ވެސް އުފެދިފަވާ ކަމަށާއި ކުދިކުދި ގާކޮޅުތައް އެކުލެވިގެންވާކަން ޅެންވެރިޔާ މިސާލު ޖައްސަވާފައިވާކަން ފާހަގަކުރެއްވިއެވެ.
" އެހެންވީމަ ކުދިކުދި ފާފަތައް ގިނަވެގެންގޮސް އެއީ ވަރަށް ބޮޑު ކަމަކަށްވެސް ވެގެން ހިނގައިދާނެއޭ އަޅުގަނޑުމެންނަށް ޤިޔާމަތް ދުވަހު. އެހެންވީމަ އެއްގޮތަކަށްވެސް މިއީ ކުޑަ ކަމެކޭ ހިތާ އެއްވެސް ފާފައެއް ނުބައިކަމަކަށް އަރައިނުގަތުން އެއީ ބުއްދިވެރިގޮތަކީ."
މީގެއިތުރުން ސާފު ސީދާ މަގުގައި ސުވަރުގެ ހާސިލްކުރުމަށް ހިތް ވަރަށް މުހިންމު ދައުރެއް އަދާކުރާކަން ފާހަގަކުރައްވާ ވިދާޅުވީ އީމާންކަން ހަރުދަނާކުރުމަށް ހިތް ސާފުކުރުމަކީ ވަރަށް މުހިންމު ކަމެއްކަމުގައެވެ. އަދި ހިތް ރަނގަޅު ވެއްޖިއްޔާ އެމީހަކު ރަނގަޅު މިސްރާބަށް ގެންދާނެ ކަމަށާއި ހިތް ފަސާދަވެއްޖިއްޔާ އެމީހަކު ނުބައި މިސްރާބަށް ގެންދާކަން ހަނދާންކޮށްދެއްވިއެވެ.
"އީމާންކަން ހަރުދަނާކުރުމުގެ މުހިންމުކަން" މި މައުޟޫއަށް ވާހަކަދައްކަވަމުން ޑރ. އަނާރާ ވަނީ ފާފައެއް ކުރެވިއްޖެނަމަ އަވަހަށް ތަޢުބާވެ ﷲ ގެ ރަހުމަތުން އުންމީދުކަނޑާނުލުމަށް އެދިވަޑައިގަންނަވާފައެވެ. އަދި އީމާންކަން ބަލިކަށިވާ ކަންކަމުގެ ގޮތުގައި ހެޔޮލަފާ މީހުންނާއެކު ނޫޅުމާއި ހެޔޮ އަޑު ނޭހުން ހިމެނޭކަމަށް ވިދާޅުވިއެވެ.
ހަމަމިއާއެކު ދުނިޔޭގެ ކަންކަމަށް މަސްއޫލުވެރިވެ، އާހިރަތާއި މަރު މަތިން ހަނދާން ނެތުމަކީ ވެސް އީމާންކަން ބަލިކަށިވާ ސަބަބެއްކަމަށް ޑރ. އަނާރާ ނައީމް ވަނީ ވިދާޅުވެފައެވެ.