ދުރާލާ އިންޒާރުދޭ ނިޒާމުތައް ގާއިމުކުރުމަށް ރާއްޖެއިން މަސައްކަތްކުރާނެކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ދުނިޔޭގެ މޫސުމާބެހޭ ދުވަހާ ގުޅިގެން މީސްމީޑިޔާގައި ހިއްސާކުރެއްވި މެސެޖެއްގައި އެމަނިކުފާނު ވަނީ މޫސުމާބެހޭ ޒަމާނީ އާލާތްތަކަށް އިންވެސްޓްކޮށްގެން، ކޮންމެ ރަށެއްގައި ދިރިއުޅޭ ކޮންމެ ރައްޔިތަކަށް ވެސް މޫސުމީ ބަދަލުތަކަށް ވިލުންތެރިވުމުގެ ގޮތުން ދުރާލާ އިންޒާރުދޭ ނިޒާމެއްގެ ހިދުމަތް ލިބޭކަން ކަށަވަރުކުރުމަށް މަސައްކަތްކުރަމުންއަންނަކަމަށް ވިދާޅުވެފައެވެ.
މީގެއިތުރުން ސަރުކާރުގެ ސިޔާސަތުތައް ބައްޓަންކޮށްފައިވަނީ މޫސުމީ ބަދަލުތަކާ ބެހޭ ސިޔާސަތުތަކާއި ކާރިސާތަކުގެ ގެއްލުން ކުޑަކުރުމުގެ ފްރޭމްވަރކުގެ ތެރެއިން ދުރާލާ މޫސުމީ އިންޒާރުދޭ ނިޒާމުތައް ގާއިމުކުރުމުގެ މައްޗަށްކަމަށް ވެސް ވިދާޅުވިއެވެ.
މި ނިޒާމު ގާއިމުކުރުމަށް "މޯލްޑިވްސް ޑިޒާސްޓަރ ރިސްކް ރިޑަކްޝަން ސްޓްރެޓަޖީ 2024 – 2030" ވަނީ އެކުލަވަލާފައެވެ. މި ސްޓްރެޓެޖީގެ މައިގަނޑު މަގްސަދަކީ މޫސުމީ ގޮތުންނާއި އެނޫންވެސް ގޮތްގޮތުން ކުރިމަތިވެދާނެ ކާރިސާތަކުގެ ސަބަބުން ރާއްޖޭގެ ތިމާވެށްޓާއި ބިނާވެށި ރައްކާތެރިކުރުމެވެ.
ހަމަމިއާއެކު މޫސުމީ ބަދަލުތަކަށް ލިބޭ މާލީ އެހީތެރިކަން ކަށަވަރުކުރުމަށް ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ވަނީ ގިނަ މަސައްކަތްތަކެއް ފަށްޓަވާފައެވެ. އެގޮތުން ބައިނަލްއަގްވާމީ އެކިއެކި ބައްދަލުވުންތަކާއި މަހާސިންތާތަކުގައި ކުދި ޖަޒީރާ ގައުމުތަކަށް ލިބޭ މާލީ އެހީތެރިކަން އިތުރުކުރުމަށް ވެސް ސަރުކާރުން ދަނީ ފުޅާ ދާއިރާއެއްގައި ވަކާލާތުކުރައްވަމުންނެވެ.