ރާއްޖެއާއި ޕާކިސްތާނުގެ މަސްލަހަތު ހިމެނޭ ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް ރާއްޖެ ތައްޔާރު ކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާޏު މިފަދައިން ވިދާޅުވީ ޕާކިސްތާން ޑޭ ގެ މުނާސަބަތުގައި އެ ގައުމުގެ ރައީސް އާސިފް ޢަލީ ޒަރްދާރީއަށާއި ބޮޑުވަޒީރު މުޙައްމަދު ޝެހްބާޒް ޝަރީފަށް ފޮނުއްވި ތަހުނިޔާގައެވެ.
ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި އެގައުމުގެ ރައީސަށާއި ބޮޑުވަޒީރަށް ވަކިވަކިން ފޮނުންވި ސިޓީފުޅުގައި ރައީސް ވަނީ، ދެ ގައުމުގެ ޒަމާންވީ އަޚުވަންތަ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އަދި ދެ ގައުމުގެ މަސްލަހަތު ހިމެނޭ ދާއިރާތަކުން ގުޅުން އިތުރަށް ހަރުދަނާކުރެއްވުމަށް މަސައްކަތްކުރައްވާނޭކަމުގެ ޔަގީންކަން ދެއްވާފައެވެ.
މީގެއިތުރުން ޕާކިސްތާނުގެ ރައީސާއި ބޮޑުވަޒީރަށް ފުރިހަމަ ސިއްހަތާއި އުފާވެރިކަމަށް އެދިވަޑައިގެން، އެގައުމުގެ ރައްޔިތުންނަށް ތަރައްގީއާއި ކުރިއެރުން މިންވަރުކުރެއްވުމަށް ވެސް އެދިވަޑައިގެންފައިވެއެވެ.
"ޕާކިސްތާން ޑޭ" ފާހަގަކުރަނީ، އެ ގައުމުން އިސްލާމީ ޖުމްހޫރިއްޔަތަކަށް ވާސިލުވުމަށް ކުރި ދަތުރުގެ ތެރެއިން، ފުރަތަމަ ފަހަރަށް ގާނޫނު އަސާސީ އެއް ފާސްކޮށް ޢަމަލުކުރަން ފެށުން އިހުތިފާލުކުރުމުގެ ގޮތުންނެވެ.