ހަބަރު

ޑިވެލޮޕްމަންޓް ބޭންކުގެ ސީއީއޯ އިސްތިއުފާ ދެއްވައިފި

ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ލިމިޓެޑް (ޑީބީއެމް) ގެ މެނޭޖިންގ ޑިރެކްޓަރު އަދި ޗީފް އެގްޒެކްޓިވް އޮފިސަރ ކަމުގެ މަގާމުގައި ހުންނެވި މރ. ނޮއެލް ގްރެގަރ ޕެޓަރސަން-ޖޯންސް އިސްތިއުފާދެއްވައިފިއެވެ.

 

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ވިދާޅުވީ އޭނާ އެމަގާމުން އިސްތިއުފާ ދެއްވުމަށް ހުށަހަޅުއްވާފައިވާތީ، އިސްތިއުފާ ގަބޫލުކޮށް އެމަގާމުން ވަކިކޮށްފައިވާ ކަމަށެވެ. އެހެންނަމަވެސް އިސްތިއުފާދެއްވި ސަބަބެއް އަދިހާމައެއް ނުކުރައްވައެވެ.

 

ނޮއެލް ގްރެގަރ ޕެޓަރސަން-ޖޯންސް އަކީ ޗީފް އިންވެސްޓްމެންޓް އޮފިސަރެއްގެ ހައިސިއްޔަތުން ސަޢޫދީ ޢަރަބިއްޔާގެ ނޭޝަނަލް އިންފްރާސްޓްރަކްޗަރ ފަންޑު ގާއިމު ކުރުމުގައި މުހިންމު ދައުރެއް އަދާކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ވަނީ އިނގިރޭސި ވިލާތުގެ އޮކްސްފޯޑް ޔުނިވަރސިޓީން މެނޭޖުމަންޓް ސްޓަޑީސްގެ ދާއިރާއިން މާސްޓަރ އޮފް ފިލޯސަފީ ހާސިލުކުރައްވާފައެވެ.

 

ޑީބީއެމް އަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުފުޅާ އެއްގޮތަށް ދިވެހި ސަރުކާރުގެ ސައްތައިންސައްތަ ހިއްސާ އެކުލެވިގެންވާ، ސަރުކާރުގެ ބޭންކެކެވެ. މިއީ ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތީން، ދެމެހެއްޓެނިވި އިގްތިސާދީ އަދި އިޖުތިމާއީ ތަރައްގީއަށް އިންވެސްޓުކުރުމާއި، އުމްރާނީ ތަރައްގީއަށް ބޭނުންވާ ފައިސާ ހޯދުމަށް އުފެއްދެވި ބޭންކެކެވެ.

 

މީގެއިތުރުން ސިންޑިކޭޝަން ފައިނޭންސް މެދުވެރިކޮށް ޕީ.އެސް.އައި.ޕީ މަޝްރޫއުތަކަށް ފައިސާ ފޯރުކޮށްދިނުމުގައި ދިމާވާ ގޮންޖެހުންތައް ހައްލުކުރުމާއި ރާއްޖޭގެ ބޭންކިންގ ނިޒާމުގައި ބޭރު ފައިސާ ބެހެއްޓުމުގެ ޝައުގުވެރިކަން އިތުރުކުރުމަކީ ވެސް މި ބޭންކު އުފެއްދެވި ބޭނުމެކެވެ.

 

މި ބޭންކްގެ ހިދުމަތް ފެށުމުން އިގްތިސާދީ އަދި މާލީ ކުރިއެރުމަށް ބޭނުންވާ ދިގު މުއްދަތުގެ ފައިނޭންސިންގގެ ހިދުމަތް ރާއްޖޭގައި ތައާރަފުކުރުމަށް ވަނީ ނިންމާފައވެވެ. އަދި މި ބޭންކް ހުޅުވުމަކީ ރާއްޖޭގެ މާލީ ދާއިރާ ހަރުދަނާކަމާއެކު ފުޅާކޮށް ތަރައްގީ ކުރުމަށް އެޅިގެންދާނެ މުހިންމު ފިޔަވަޅެކެވެ.

 

ރާއްޖޭގައި ޑިވެލޮޕްމަންޓް ބޭންކެއް ހުޅުވުމަށް ބޭނުންވާ ބޭންކިންގ ލައިސަންސް، ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ލިމިޓެޑަށް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ދެއްވީ 13 އޮކްޓޫބަރު 2024 ގައެވެ.

 

ގާނޫނު ނަންބަރު 2023/7 (ކުންފުނީގެ ޤާނޫނު) ގެ 15 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުން "ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ލިމިޓެޑް" ގެ ނަމުގައި ދިވެހި ސަރުކާރުގެ ކުންފުންޏެއް އުފެއްދެވީ 16 މޭ 2024 ގައެވެ.

 


  • ޑިވެލޮޕްމެންޓް ބޭންކް
  • ރައީސް ޑރ. މުޙައްމަދު މުޢިއްޒު
  • ކޮމެންޓް