ހަބަރު

އިހްސާން އަވަހާރަވުމަކީ ކުޅިވަރުގެ ދާއިރާ އަށް ލިބުނު ބޮޑު ހިތާމައަކާއި ހުސްކަމެއް: ރައީސް

މަޝްހޫރު ފުޓްބޯޅަ ކޯޗު އިޙްސާން ޢަބްދުލްޣަނީ (ސާންތީ) އަވަހާރަވުމަކީ ދިވެހި ކުޅިވަރުގެ ދާއިރާއަށް ލިބުނު ބޮޑު ހިތާމައަކާއި ހުސްކަމެއް ކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

 

އެމަނިކުފާނު މިފަދައިން ވިދާޅުވީ ރާއްޖޭގެ ފުޓްބޯޅަ ކޯޗުންގެ ތެރޭގައި ފާހަގަކޮށްލެވޭ އިހްސާން އަބްދުލްޣަނީ (ސާންތީ) މި މާރޗު 22 ވަަނަ ދުވަހުގެ ރޭގެ ވަގުތެއްގައި އަވަހާރަވުމާއި ގުޅިގެން އެކަމުގައި ހިތާމައިގާ 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައެވެ.

 

ރައީސްގެ ޕޯސްޓުގައި ސާންތީ ވަނީ ކުޅިވަރުގެ ރޮނގުން، ވަކީން ހާއްސަކޮށް ފުޓްބޯޅައިގައި ބައިނަލްއަގްވާމީ އަދި ގައުމީ ފެންވަރުގައި ވެސް ރާއްޖެ ފަޚުރުވެރިވާ ހިދުމަތްތަކެއް ގައުމަށް ކޮށްދެއްވާފައިވާކަން ފާހަގަކުރައްވާފައެވެ. އަދި ހިތާމައިގެ މިވަގުތު ކުޅިވަރުގެ ދާއިރާގެ ހުރިހާ ހިދުމަތްތެރީންނަށް އަދި މަރުޙޫމްގެ ލޮބުވެތި އާއިލާއަށް ވަނީ ތައުޒިޔާ ދަންނަވާފައެވެ.

 

"މަރުޙޫމް އިޙްސާން ޢަބްދުލްޣަނީއަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވައި، މާތްﷲގެ ތަނަވަސްވެގެންވާ ނިޢުމަތާ މަޣްފިރަތުގައި އަބަދުމެ ލަހައްޓަވާށި. އާމީން!"

 

ފާއިތުވެދިޔަ ދެތިން އަހަރު ދުވަހު ކެންސަރަށް ފަރުވާ ހޯއްދަވަމުންގެންދެވި ސާންތީ އަކީ ރާއްޖޭގެ ފުޓްބޯޅަ އަށް ގިނަގުނަ ހިދުމަތްތަކެއް ކުރައްވާފައިވާ ފަރާތެކެވެ. ހާއްސަކޮށް ޒުވާން ކުޅުންތެރިންނަށް ފުރުސަތުދީ، އެފަރާތްތަކުގެ ކުރިމަގަށް ވަނީ ހިދުމަތްކުރައްވާފައެވެ.

 

ސާންތީ ވަނީ ރާއްޖޭގެ ފުރަތަމަ ޑިވިޜަންގެ ބައެއް ކުލަބުތަކަށާއި ރާއްޖޭގެ ގައުމީ ޓީމުތަކަށް ވެސް އިރުޝާދު ދެއްވާފައެވެ. ސާންތީ އަވަހާރަވީ ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފަރިވާދެމުންދަނިކޮށްނެވެ. މޫނު ދެއްކުން އޮންނާނީ މާރޗު 23 ވަނަ ދުވަހު ހެނދުނު 10 ން ފެށިގެން އިސްލާމީ މަރުކަޒުގައެވެ. ޖަނާޒާ ބޭއްވުމަށް ހަމަޖެހިފައިވަނީ އެދުވަހުގެ މެންދުރު ނަމާދަށްފަހު އިސްލާމީ މަރުކަޒުގައެވެ.

 

އިހްސާން އަބްދުލްޣަނީ (ސާންތީ) ގެ ވަކިވެދިއުމަކީ ދިވެހި ފުޓްބޯޅައަށް ލިބުނު ފުން ހިތާމައަކަށްވީ ހިނދު، މި ހިތާމައިގާ 'އޮއިވަރު' ގެ ކިޔުންތެރިންނާއި މުވައްޒަފުން އަދި މެނޭޖުމެންޓުން ބައިވެރިވަމެވެ. އަދި މަރްހޫމްގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިއުމަތް ލެއްވުން އެދި ދުޢާކުރާ ހާލު، އާއިލާ އަށް ކެތްތެރިކަން މިންވަރުކުރެއްވުމަށް ވެސް ދުއާ ކުރަމެވެ.

 


  • ރައީސް ޑރ. މުޙައްމަދު މުޢިއްޒު
  • ކޮމެންޓް