ފެނަކީ މާތްالله ދެއްވި ވަރަށް މަތިވެރި ނިއުމަތެއް ކަމަށާއި ފެން އިސްރާފުވެދާނެ ފަދަ އެއްވެސް ކަމެއް ނުކުރުމަށް މާލެ ސިޓީ މޭޔަރ އާދަމް އާޒިމް ގޮވާލައްވައިފިއެވެ.
އެމަނިކުފާނު މިފަދައިން ގޮވާލެއްވީ ދުނިޔޭގައި މިއަދުފާހަގަ ކުރަމުން އަންނަ "ދުނިޔޭގެ ފެނުގެ" ދުވަހާއިގުޅިގެން 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައެވެ.
އެ ޕޯސްޓުގައި އާޒިމް ވަނީ ފެން އިސްރާފު ވެދާނެ އެންމެހައި ޢަމަލުތަކުން ދުރުވެތިބުމަށް، ދިވެހި ލޮބުވެތި ރައްޔިތުންނަށް އިލްތިމާސްކުރައްވާފައެވެ. އަދި ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ ފެނުގެ ދުވަހަކީ އެ ދުވަހާ މެދު ފުންކޮށް ވިސްނާލަންޖެހޭ ދުވަހެއް ކަމަށް ވެސް ވިދާޅުވިއެވެ.
މީގެއިތުރުން ކީރިތި ޤުރުއާނުގައި الله ވަޙީކުރައްވާފައިވަނީ، ''ފުރާނަ ހުރި ދިރުން ހުރި ކޮންމެ އެއްޗެއް ހެއްދެވީ ފެނުންކަމުގައިކަން ފާހަގަކުރައްވާ، މި ބަސްފުޅަށް އެކަނި ވިސްނާލިޔަސް، ފެނުގެ މުހިއްމުކަން ވިސްނޭ ކަމަށް ވަނީ ވިދާޅުވެފައެވެ.
ހަމަމިއާއެކު މީގެ 50 ވަރަކަށް އަހަރުކުރިން، ދިވެހިން އާންމުކޮށް ބޭނުންކުރާ ފެނަށް އަގެއް ދައްކަން ނުޖެހޭ ކަމަށާއި ބޭނުންކުރަމުންއައީ ވަޅު ފެނާއި ވާރޭފެންކަން ވެސް ފާހަގަކުރެއްވިއެވެ. އެހެންނަަމަވެސް މިއަދުގެ ހާލަތަށް ބަލާއިރު، ފެނަށް ވަރަށް ބޮޑު އަގެއް ދައްކަންޖެހޭކަމަށް ވަނީ ވިދާޅުވެފައެވެ.
ދުނިޔޭގައި ފެނުގެ ދުވަސް ފާހަގަ ކުރަމުން އަންނަނީ ކޮންމެ އަހަރެއްގެ ވެސް މާޗރު މަހުގެ 22 ވަނަ ދުވަހުއެވެ. މި އަހަރު ދުނިޔޭގެ ފެނުގެ ދުވަހުގެ ޝިއާރަކީ، އެކި ސަރަހައްދުތަކުގައި ގަޑުވެފައިވާ ބޯން ބޭނުން ކުރާ ސާފު ބޯފެން ރައްކާ ކުރުމެވެ.
ދުނިޔޭގެ އެކި ސަރަހައްދުތަކުގައި ބޯން ބޭނުން ކުރާ 70 އިންސައްތަ ފެން ހުރީ ގަނޑުވެ ތާށިވެފައެވެ. "ގްލެސިއަރ" އަކީ ދުނިޔޭގެ މީރުފެނުގެ ނިޒާމުތަކާއި މޫސުމީ ރައްކާތެރިކަމުގައި މުހިންމު ދައުރެއް އަދާކުރާ އެއްޗެއް ކަމުގައިވާތީ، އެ ތަކެތި ރައްކާތެރިކުރުމަކީ މި ވަގުތަށް ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.
މިއީ ގްލެސިއަރތަކާއި ފެނުގެ ރައްކާތެރިކަމާ، ދިރޭތަކެތީގެ ނަސްލުތަކާ، އަދި މިލިއަން ބައެއްގެ ދިރިއުޅުމާ ގުޅިފައިވާ ކަމެއްކަން އަޅުގަނޑުމެން ހަނދާންކުރަންޖެހެއެވެ. މިކަމަށްޓަކައި މުސްތަގުބަލަށް ފެނުގެ ވަސީލަތްތައް ރައްކާތެރިކުރަން ޖެހެއެވެ.