ރަމަޟާން މަހުގެ ފަހު 10 ދުވަހަކީ ސަރުކާރު ބަންދު ދުވަސްތަކަކަށް ވުމާއިގުޅިގެން، ޓްރާންސްޕޯޓް މިނިސްޓްރީން ފޯރުކޮށްދޭ ބައެއް ހިދުމަތްތަކަށް ވަގުތީ ބަދަލުތަކެއް ގެނެސްފިއެވެ.
އެގޮތުން އެއްގަމާއި ކަނޑު އުޅަނދު ދުއްވުމުގެ ލައިސަންސްތަކާއި، ކަނޑު އުޅަނދުފަހަރުގެ ސަލާމަތީ ސެޓްފިކެޓްތަކުގެ މުއްދަތު އިތުރުކުރުމަށް ވަނީ ނިންމާފައިވާއިރު، މާރޗު 5 ން ފެށިގެން އޭޕްރިލް 10 ގެނިޔަލަށް މުއްދަތު ހަމަވާ އެއްގަމާއި ކަނޑު އުޅަނދު ދުއްވުމުގެ ލައިސަންސްތަކުގެ މުއްދަތު މެއި 5 ގެ ނިޔަލަށް އިތުރުކުރެވޭނެއެވެ. އަދި މާރޗު 5 ން ފެށިގެން މުއްދަތު ހަމަވާ ކަނޑު އުޅަނދުފަހަރުގެ ސަލާމަތީ ސެޓްފިކެޓްތަކުގެ މުއްދަތު ވެސް 5މެއި 5 ގެ ނިޔަލަށް އިތުރުކުރެވޭނެއެވެ.
މީގެއިތުރުން މިނިސްޓްރީއަށް ހުށަހަޅާފައިވާ އެޕްލިކޭޝަންތަކާ ގުޅިގެން ލިޔެކިޔުންތަކުގެ އަސްލު ހުށަހެޅުމަށް މާރޗު 23 ން 30 އަށް (ހުކުރު، ހޮނިހިރު ފިޔަވައި) ހެނދުނު 11 ން މެންދުރު 1 ޖަހަންދެން އުމަރު ޒާހިރު އިމާރާތުގެ ގްރައުންޑް ފްލޯގައި އެ މިނިސްޓްރީއަށް ހާއްސަކުރެވިފައިވާ ކައުންޓަރު ހުޅުވިފައި ހުންނާނެއެވެ.
އެމުއްދަތުގައި މިނިސްޓްރީގެ ކޯލް ސެންޓަރު ބަންދުވާނެ ކަމަށާއި އެހެންނަމަވެސް މެރިޓައިމް ޓްރާންސްޕޯޓް ޑިޕާޓްމަންޓުގެ ހިދުމަތްތަކާ ގުޅޭގޮތުން ކޮންމެހެން ގުޅަންޖެހޭ ހާލަތްތަކުގައި ހެނދުނު 9 ން މެންދުރު 1 ޖަހަންދެން 7212719 ނަންބަރަށް ގުޅުމަށްފަހު މައުލޫމާތު ސާފުކުރެވޭނެ ކަމަށް ޓްރާންސްޕޯޓު މިނިސްޓްރީން ހާމަކުރައްވައެވެ.
މި ބަދަލުތައް ގެނެވިފައިވަނީ ރަމަޟާން މަހުގެ ފަހު 10 އަކީ ސަރުކާރު ބަންދު ދުވަސްތަކެއް ނަމަވެސް މި ދުވަސްތަކުގައި ރައްޔިތުންނަށް ލުއިފަސޭހަކަމާއެކު ހިދުމަތްތައް ފޯރުކޮށްދިނުމަށެވެ.