ހަބަރު

އީދުއަލީ މިއަހަރު ވެސް، ތައްޔާރީތައް ދަނީ ވަމުން

ހުޅުމާލޭގައި 'އީދު އަލި' ދިއްލާފަ - ފޮޓޯ: ކުޑޭ

މި އަހަރުގެ ފިތުރު އީދަށް ރާއްޖެ ދިއްލާލުމުގެ މަސައްކަތް ފަށައިފިއެވެ.



މި މަސައްކަތްކުރަނީ ލޯކަލް ގަވަރމެންޓް މިނިސްޓްރީ އާއި ސްޓެލްކޯ އަދި ސިޓީ ކައުންސިލުތަކާއި ރަށު ކައުންސިލުތައް ގުޅިގެންނެވެ.

 

ލޯކަލް ގަވަރމެންޓް މިނިސްޓަރ އާދަމް ޝަރީފް ޢުމަރު، ޕީއެސްއެމް އަށް މައުލޫމާތު ދެއްވަމުން ވިދާޅުވެފައިވަނީ މިދިޔަ އީދާ ދިމާކޮށް ދިއްލާލި ރަށްރަށުގެ އިތުރަށް ކޮންމެ އަތޮޅަކުން ދެ ރަށް މިފަހަރު ދިއްލާލާނެ ކަމަށެވެ. އަދި އީދާ ދިމާކޮށް ބޮކި ދިއްލުމަށް ކައުންސިލްތަކުން އެދެމުންދާ މިންވަރު އިތުރުވަމުންދާކަން ވެސް ފާހަގަކުރެއްވިއެވެ.



މީގެއިތުރުން ބޮކިތައް ދިއްލުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް މިހާރު ފަށާފައިވާކަން ހާމަކުރައްވާ ވިދާޅުވީ 36 ރަށަކަށް ފޮނުވަންޖެހޭ އީދު ލައިޓްތައް ފޮނުވުމަށް ކުރަންޖެހޭ ތައްޔާރީތައް މިހާރުކުރިއަށްދާ ކަމަށެވެ. އަދި ލައިޓްތައް ފޮނުވާނި މި މަހުގެ 24 ވަނަ ދުވަހު ކަމަށެވެ.

 

އިސްލާމީ ޝިއާރު ފާޅުކުރުމަށް އެކަން ރަމްޒުކޮށްދޭ ބޮކިތަކާއި ގިޑިގެތައް ދިއްލުމަކީ ވަރަށް މުހިންމު ކަމެއްގެ ގޮތުގައި އެމަނިކުފާނު ވިދާޅުވިއެވެ.

 

"އީދު އަލި" ހަރަކާތް އެންމެ ފުރަތަމަ މާލޭގައި ކުރިއަށްގެންގޮސްފައިވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު މާލޭގެ މޭޔަރުކަމުގައި ހުންނެވި ދުސްވަރުއެވެ. އެފަހަރު އެކަމަށް ލިބުނު ތަރުހީބާއެކު ވެރިކަމާ ހަވާލުވެވަޑައިގެން އެމަނިކުފާނު ވަނީ އީދު ފާހަގަކުރުމަށް ކުރިއަށްގެންދާ ހަރަކާތެއްގެ ގޮތުގައި "އީދު އަލި" މާލެއާއި ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ވެސް ކުރިއަށް ގެންދަވަން ނިންމަވާފައެވެ.



މި ހަރަކާތް ފައިބެއަހަރު ކުރިއަށްގެންދިޔައީ މާލެ ސިޓީ އާއި ކޮންމެ އަތޮޅެއްގެވެސް ވެރިކަންކުރާ ރަށުގައެވެ.

 

މިއަހަރުގެ ފިދަށް ރާއްޖެ ދިއްލާލުމުގެ ހާއްސަ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 29 ވަނަ ދުވަހުގެ ރޭ ސެންޓްރަލް ޕާކުގައެވެ.

 


ކޮމެންޓް