ހަބަރު

އާރތް އަވަރ ފާހަގަކުރުން މިރޭ

ދުނިޔޭގެ ފެންވަރުގައި ފާހަގަކުރާ "އާރތު އަވަރ 2025" މިއަހަރު ވެސް ރާއްޖޭގައި ފާހަގަކުރުމަށް ނިންމާފައިވާކަމަށް އެންވަޔަރްމެންޓް އެންޑް ޓޫރިޒަމް މިނިސްޓްރީން ހާމަކުރައްވައިފިއެވެ.

 

އެ މިނިސްޓްރީން ވަނީ މި ހަރަކާތުގައި ހުރިހާ ރައްޔިތުންގެ އެއްބާރުލުންގެ އެއްބާރުލުން ވެސް ބޭނުންވާ ކަމަށެވެ. އަދި މިހަރަކާތް ކުރިއަށްގެންދިއުމަށް ނިންމާފައިވަނީ މިރޭ 9:45 ން 10:45 އަށް ކަމަށެވެ.

 

އެހެންކަމުން ކޮންމެހެން ބޭނުންކުރަންޖެހޭ ތަކެތި ފިޔަވާ އެހެން ހުރިހާ ދިއްލުންތަކެއް މިގަޑިއިރުގެ ތެރޭގައި ނިއްވާލުމަށް އެ މިނިސްޓްރީން އެދިލައްވައެވެ.

 

މިއީ ދުނިޔެ ހޫނުވުމާއި ތިމާވެއްޓަށް އަންނަމުންދާ ބަދަލުތަކާމެދު އާންމުންގެ މެދުގައި ހޭލުންތެރިކަން އިތުރުކޮށް، ތިމާވެށި ރައްކާތެރިކުރުމަށް ދުނިޔޭގެ ފެންވަރުގައި ބާއްވާ ހަރަކާތެކެވެ. މައިގަނޑު މަގްސަދަކީ މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް މަސައްކަތްކުރުމާއި، ގުދުރަތީ ތަރިކަ ހިމާޔަތްކުރުމަށް އެއްބައިވަންތަކަމުގެ އަޒުމް ދައްކުވައިދިނުމެވެ.

 

މީގެއިތުރުން ދުނިޔޭގެ އެކި ކަންކޮޅުތަކުން 60 މިނެޓުގެ ވަގުތަށް ރަމްޒީ 'ލައިޓް އައުޓް'  ޕީރިއަޑެއްގައި ބައިވެރިވެ، ތިމާވެއްޓަށް އަންނަމުންދާ ބަދަލުތަކާ ދެކޮޅަށް މަސައްކަތްކުރުމަށް ވަކި ވަކި ފަރުދުންނާއި އަމިއްލަ ކުންފުނިތަކާއި މަދަނީ ޖަމިއްޔާތަކުގެ ބައިވެރުވުމަށް ހިތްވަރު ދިނުމެވެ.



އެންމެ ފުރަތަމަ "އާރތު އަވަރ" ފާހަގަކޮށްފައިވަނީ 2007 ވަނަ އަހަރު އޮސްޓްރޭލިއާގެ ސިޑްނީގައެވެ. އޭގެފަހުން މިއީ މުޅި ދުނިޔޭގައި ވެސް ފާހަގަކުރަން ފަށާފައިވާ ބައިނަލްއަގްވާމީ ކެމްޕޭނެކެވެ.

 


  • އާރތް އަވަރ
  • ކޮމެންޓް