ދުނިޔޭގެ ރެކޯޑުފޮތުން ނުވަތަ ގިނީސް ވޯލްޑް ރިކޯޑުން ޖާގަހޯދުމަށް ބ. އަތޮޅުން ހާއްސަ ހަރަކާތެއް ބާއްވަން ނިންމައިފިއެވެ.
ބ. އަތޮޅު ކައުންސިލާއި ފްރީޑައިވް މޯލްޑިވްސް ގުޅިގެން ބާއްވާ މި ހަރަކާތުގެ އެއްބަސްވުމުގައި ފްރީޑައިވް މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ ފަހުދު ފާއިޒްއެވެ. ބ. އަތޮޅު ކައުންސިލުން ސޮއިކުރެއްވީ އަތޮޅު ކައުންސިލުގެ ރައީސް އަޙްމަދު އަފްރާހް އެވެ.
މިއީ ފަތުރުވެރިކަމުގެ ދުވަހާއި ގުޅިގެން، ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތަކަށް މީހުން އަހުލުވެރިކޮށް ފަތުރުވެރިކަމުގެ ދާއިރާއިން އެ އަތޮޅު ޕްރޮމޯޓުކުރުމަށްޓަކައި ބާއްވާ ހާއްސަ ހަރަކާތެއް ކަމަށް އެ ފަރާތުން ހާމަކުރައްވައެވެ.
އެގޮތުން މިހަރަކާތް ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވަނީ އެއްވަގުތެއްގައި އެއް ސަރަހައްދެއްގައި ގިނަ ބައިވެރިވެގެން ސްނޯކްލްކޮށްގެން ކުރިއަށްގެންދާ ގޮތަށް ކަމަށް މައުލޫމާތު ދެއްވައެވެ. އަދި މަދުވެގެބް 500 މީހުންނާއެކު މި ހަރަކާތް ބޭއްވޭނެކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް ވިދާޅުވެއެވެ.
"މިއީ ގިނީސް ވޯލްޑް ރިކޯޑު ފޮތުން ޖާގަ ހޯދުމަށް ރާވައިގެން ކުރިއަށްގެންދާ ހަރަކާތެއް. މީގެސަބަބުން ތިމާވެށީގެ ނާޒުކުކަން އިހްސާސްކުރެވޭނެ. ބ. އަތޮޅު ފަތުރުވެރިކަން ޕްރޮމޯޓުވެސް ކުރެވޭނެ."
ފްރީޑައިވް މޯލްޑިވްސްއިން އިތުރަށް ވިދާޅުވީ މީގެކުރިން އެއްފަހަރާ އެންމެ ގިނަބަޔަކު ސްނޯކަލް ކޮށްގެން ދުނިޔޭގެ ރިކޯޑު ފޮތުން ޖާގަ ހޯދާފައިވާކަން އެނގިފައިނުވާ ކަމަށާއި އެހެންކަމުން މިއީ ރާއްޖެ އިޝްތިހާރު ކުރުމަށް ވެސް ލިބޭ ވަރަށްބޮޑު ފުރުސަތަކަށް ވާނެކަަމަށް ވިދާޅުވެއެއެވެ.
ފްރީޑައިވް މޯލްޑިވްސްއިން މީގެކުރިންވަނީ ސަރުކާރާ ގުޅިގެން 2019 ވަނަ އަހަރު "ނޭވާ 1"ގެ ނަމުގައި އެންމެ ގިނަ މީހުން އެއްފަހަރާ ފީނައިގެން ވޯލްޑް ރެކޯޑެއް ގާއިމުކޮށްފައެވެ. އަދި 2022 ވަނަ އަހަރު "ނޭވާ "2 ގެ ނަމުގައި އެންމެ ގިނަމީހުން މޫދުގައި ނޭވާ ހިފެހެއްޓުމުގެ ރެކޯޑެއް ވެސް ވަނީ ހަދާފައެވެ.
ދުނިޔޭގެ ރެކޯޑް ހެދުމަށް މި އަހަރު ބާއްވާ މި ހަރަކާތަކީ އަތޮޅު ތެރޭގައި ބާއްވާ ފުރަތަމަ މިފަދަ އެންމެ ބޮޑު ހަރަކާތެވެ.