ކުރީގެ ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން ޝަމްއާން ހައްޔަރުކޮށްފި

ކުރީގެ ކޮންޓްރޯލަރ އިމިގްރޭޝަން މުޙައްމަދު ޝަމްޢާން ވަހީދު ހައްޔަރުކޮށްފިއެވެ.

 

ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވީ ކުރީގެ ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން، ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އެއީ މޯލްޑިވްސް އިމިގްރޭޝަންގެ ބައެއް މުވައްޒަފުން މަގާމުގެ ނުފޫޒު ނަހަމަގޮތުގައި ބޭނުންކޮށް، ބިދޭސީ މަސައްކަތްތެރިންގެ އަތުން ނާޖާއިޒު ފައިދާ ހޯދަމުންދާކަމަށް ތުހުމަތު ކުރެވޭ މައްސަލައާ ގުޅިގެން ކަމަށެވެ.

 

މި މައްސަލައާއި ގުޅިގެން މާރޗު 21 ވީ ހުކުރު ދުވަހުގެ ރޭ ނެރުއްވި ބަޔާނެއްގައި ވަނީ ބިދޭސީއެއްގެ އަތުން 530،000 ރުފިޔާ ހޯދައިގެން ޝަމްއާންގެ ގެއަށް ގެންދިޔަ ކަމަށް ވިދާޅުވެފައެވެ. އެގޮތުން ބިދޭސީން ހޯދައި ޑިޓެންޝަން ސެންޓަރަށް ގެންދިޔުމުގެ މަސައްކަތް ކުރާ ޓާސްކްފޯހުގެ މުވައްޒަފުންނާއި ރިސްކް މެނޭޖްމަންޓް ސެކްޝަންގެ މުވައްޒަފުން ފިޔަވައި، އެހެން ސެކްޝަންތަކުގައި މަސައްކަތްކުރާ ބައެއް މުވައްޒަފުން މަގާމުގެ ނުފޫޒު ނަހަމަގޮތުގައި ބޭނުންކޮށް ބިދޭސީ މަސައްކަތްތެރިން ދިރިއުޅޭ ގެއެއް ބަލައި ފާސްކުރިކަން އެނގިފައިވާ ކަމަށް އެ ބަޔާނުގައި ވިދާޅުވެފައި ވެއެވެ.

 

މީގެއިތުރުން ފާސްކުރި ގެއިން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ބިދޭސީން ގިނަ އަދަދެއްގެ ނަގުދު ފައިސާ އާ އެކު ގެންގޮސްފައިވާ ކަމަށާއި އެތަނުން 530،000 ރުފިޔާ އާއެކު އިމިގްރޭޝަންގެ ޑިޓެންޝަން ސެންޓަރަށް ގެންދިޔަ ބިދޭސިއަކު އޭގެ ދުވަހެއް ފަހުން ޝަމްއާންގެ އަމުރަށް ދަންވަރުގެ ވަގުތެއްގައި ދޫކޮށްލާފައިވާކަން މިހާތަނަށް ތަހުގީގަށް ފާހަގަވެފައިވާކަމަށް ވެސް ބަޔާނުގައި ވެއެވެ.

 

މީގެއިތުރުން އެ ގެ ބަލައި ފާސްކުރުމުގައި ހަރަކާތްތެރިވި އިމިގްރޭޝަން މުވައްޒަފުން ޑިޓެންޝަން ސެންޓަރުން ދޫކޮށްލި ބިދޭސީ މީހާ އާ ބައްދަލުކޮށްފައިވާ ކަމަށާއި އެމީހާގެ އަތުގައި ހުރި ފައިސާތައް ހިފައިގެން މިއަދާ ހަމައަށް ޝަމްއާންގެ ގެއަށް އެ މުވައްޒަފުން ވަދެފައިވާ ކަމަށް އެނގިފައިވާކަމަށް ބަޔާނުގައި ވެއެވެ. އަދި މި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ފަސް މީހަކު ހުއްޓުވައި ބަލައި ފާސްކޮށް އެ މީހުންގެ އަތުން އިލެކްޓްރޯނިކް ސާމާނުތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ވެއެވެ.

 

ހަމަމިއާއެކު ޝަމްއާންގެ ގެ ބަލައި ފާސްކޮށް ގިނަ އަދަދެއްގެ ފައިސާ އާއި އިލެކްޓްރޯނިކް ސާމާނު ގެންގޮސްފައިވާ ކަމަށާއި އެހެންނަމަވެސް ޝަމްއާންގެ ގެއިން ސީދާ ގެންދިޔައީ ކިހާ ފައިސާއެއްކަން ފުލުހުން އަދިހާމައެއް ނުކުރައްވައެވެ.

 

ރައީސް ޑރ. މުހައްމަދު މުއިއްޒު އިމިގްރޭޝަން ކޮޮންޓްރޯލަރުގެ މަގާމަށް ޝަމްއާން އައްޔަން ކުރެއްވީ 2023 ވަނަ އަހަރުގެ ނޮވެމްބަރ 19 ގައެވެ. މަގާމާއި ހަވާލުވުމަށްފަހު، ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް މިހާތަަނަށް ކުރައްވާފައިވާ މަސައްކަތަށް ގިނަބައެއްގެ ތައުރީފު ވެސް ވަނީ ލިބިލައްވާފައެވެ.

 

އިމިގްރޭޝަން ކޮޮންޓްރޯލަރ ގެ މަގާމުން ޝަމްއާން ވަކި ކުރުމަށް ފަހު، އެމަގާމަށް ކުރީގެ ކޮމިޝަނަރު އަހްމަދު ފަސީހް މިހާރުވަނީ އައްޔަން ކުރައްވާފައެވެ.

 


  • ދިވެހި ފުލުހުންގެ ޚިދުމަތް
  • ކޮމެންޓް