ވިޔަފާރި

އެމްޑީ ފަހުމީގެ މާލިމީ ކަމުގައި ސްޓެލްކޯ އަށް ސާފު ފައިދާ 137 މިލިއަން ރުފިޔާ

ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަހުމީގެ މާލިމީކަމުގައި އެކުންފުންޏަށް ސާފު ފައިދާގެ ގޮތުގައި 137.9 މިލިއަން ރުފިޔާ ލިބިއްޖެއެވެ.

 

އެކުންފުނިން ވަނީ ފާއިތުވި 7 އަހަރުގެ ތަފާސްހިސާބު މީސްމީޑިއާގައި އާންމުކުރައްވާފައެވެ. އެ ތަފާސްހިސާބަށް ބަލާއިރު، 2018 ވަނަ އަހަރުން ފެށިގެން 2020 ވަނަ އަހަރާއި ހަމައަށް ސްޓެލްކޯގެ ފައިދާ އިތުރުވަމުން އައިސްފައިވާކަން ފާހަގަކުރެވެއެވެ.

 

އެގޮތުން 2018 ވަނަ އަހަރު 105 މިލިޔަން ރުފިޔާގެ ފައިދާއެއް ލިބުނިއިރު، 2020 ވަނަ އަހަރު 130 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ 23.8 އިންސައްތައިގެ އިތުރުވުމެކެވެ. އެހެންނަމަވެސް ޖެހިގެން އައި 2021 ވަނަ އަހަރު ލިބިފައިވާ ފައިދާއަކީ 104.7 މިލިއަން ރުފިޔާއެވެ. މިއީ 19.5 އިންސައްތައިުގެ ދަަށްވުމެކެވެ.

 

ސްޓެލްކޯގެ ތަފާސްހިސާބުތަކުން 2022 ވަނަ އަހަރު ސްޓެލްކޯއަށް 106.8 މިލިޔަން ރުފިޔާގެ ފައިދާއެއް ލިބުނެވެ. އެކަމަކު 2023 ވަނަ އަހަރު ވަނީ 171.9 މިލިޔަން ރުފިޔާގެ ގެއްލުމެއް ލިބިފައެވެ.

 

ކަންމިހެން އޮތްނަމަވެސް މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަހުމީގެ އާރުކާޓީކަމުގައި 2023 ވަނަ އަހަރު ލިބުނު ގެއްލުމުން އަރައިގަނެ، 137.9 މިލިޔަން ރުފިޔާގެ ފައިދާއެއް ވަނޯ ހޯދާފައެވެ. މިއީ 180.2 އިންސައްތައިގެ އިތުރުވުމެކެވެ. އަދި ފާއިތުވި 7 އަހަރަށް ބަލާލާއިރު 2024ވަނަ އަހަރަކީ ސްޓެލްކޯއަށް އެންމެ ބޮޑު ފައިދާއެއް ލިބުނު އަހަރެވެ.

 

އެމްޑީ ހުސެއިން ފަހުމީ ވިދާޅުވީ އެ ކުންފުނީގެ މާލީ ނަތީޖާ ރަނގަޅުވެފައިވަނީ އެ ކުންފުނީގެ ހިންގުމުގެ ނިޒާމު ހަރުދަނާކުރުމާއެކު އިސްރާފުކުރުން ކުޑަކޮށް، ލިބިފައިވާ ވަސީލަތަކުގެ ބޭނުން ހަރުދަނާގޮތެއްގައި ބޭނުންކުރެވުމުގެ ސަބަބުން ކަމަށެވެ.

 

ސްޓެލްކޯއަކީ ރާއްޖޭގައި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދޭ މައި ކުންފުންޏެވެ. ސްޓެލްކޯއިން 35 ޕަވަރ ޕްލާންޓް އޮޕަރޭޓްކުރަމުންދާއިރު، އެތަންތަނުން ދަނީ ރައްޔިތުންގެ ގޭބީސީތަކާއި ދައުލަތުގެ މުއައްސަސާތަކާއި ވިޔަފާރިތަކަށް މެދުކެނޑުމެއް ނެތި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދެމުންނެވެ.

 

މާލެ ސަރަހައްދާއި އއ، އދ، އަދި ކ އަތޮޅުގެ ރަށްތަކަށް ވެސް ސްޓެލްކޯ އިން ދަނީ ކަރަންޓުގެ ހިދުމަތް ފޯރުކޮށްދެމުންނެވެ.

 


  • ސްޓެލްކޯ އެމްޑީ
  • ސްޓެލްކޯ
  • ކޮމެންޓް