ދައުލަތުގެ ޢާންމު މަންފާއަށްޓަކައި ހާސިލުކުރަން ބޭނުންވާ އިޤްތިޞާދީ ސިޔާސަތެއްގެ ދަށުން ހިންގާނޭ މުހިންމު މަޝްރޫޢުތައް ކަނޑައެޅުމަށް އެކަށައަޅުއްވާފައިވާ ނަންބަރު 6/2024 ޤަރާރު، ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިޞްލާޙުކުރައްވައިފިއެވެ.
މި އިސްލާޙުތައް ހާމަކުރައްވައި، އެމަނިކުފާނު މިއަދު ޢާންމު ކުރެއްވި ނަންބަރު 6/2025 ޤަރާރުގައި ވަނީ، މި އިސްލާޙު ގެންނަވާފައިވަނީ، ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނުގެ 5 ވަނަ މާއްދާގެ (މ) ގެ (3) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ދައުލަތުގެ އާންމު މަންފާއަކަށްޓަކައި ހާސިލުކުރަން ބޭނުންވާ އިގްތިސާދީ ސިޔާސަތެއްގެ ދަށުން ނުވަތަ އިޖުތިމާއީ ސިޔާސަތެއްގެ ދަށުން ހިންގުމަށް ސަރުކާރުން ކަނޑައަޅާ މުހިންމު މަޝްރޫއުތަކާއި، އެ މަޝްރޫއު ހަވާލުކުރެވޭ ފަރާތުން އެންމެ މަދުވެގެން ކުރަންޖެހޭ އިންވެސްޓްމަންޓުގެ އަދަދުތައް ރައީސްގެ ގަރާރަކުން ކަނޑައަޅައި އާންމުކޮށްފައި އޮތްގޮތަށް ބަދަލުގެންނަން ޖެހިއްޖެކަމަށް އެ މަނިކުފާނަށް ފެނިވަޑައިގަތުމުން ކަމަށެވެ.
މި ގަރާރުގެ ޖަދުވަލުގައި، މަތީގައި ބަޔާންވެދިޔަ ސިޔާސަތުގެ ދަށުން ހިންގުމަށް ސަރުކާރުން ކަނޑައަޅުއްވާފައިވާ މަޝްރޫޢުތަކާއި، އެ މަޝްރޫޢުތައް ހިންގުމަށް ނިންމަވާފައިވާ ސަރަޙައްދު އަދި މަޝްރޫޢުތަކަށް އެންމެ މަދުވެގެން ޚަރަދުކުރަންޖެހޭނޭ މިންވަރު ވަނީ ބަޔާންކުރައްވާފައެވެ. މި މަޝްރޫޢުތަކުގެ ތެރޭގައި، ހއ. ދިއްދޫ، މަކުނުދޫ، ށ. ކޮމަންޑޫ، މިލަންދޫ، ބިލެތްފަހި، ރ. ފައިނު، އަލިފުށި، ބ. ތުޅާދޫ، އއ. މަތިވެރި، މ. މުލި، ފ. ނިލަންދޫ، ތ. ގުރައިދޫ، ވިލުފުށި އަދި ގއ. ވިލިނގިލީގައި އެއަރޕޯޓް ތަރައްގީކުރުމާއި، ހުވަދު އަތޮޅާއި ހައްދުންމަތީގައި އިތުރު ދެ އެއަރޕޯޓު ތަރައްގީކުރުމާއި، ހުވަދުއަތޮޅު ދެކުނުބުރީގައި އިންޓަރނޭޝަލަން އެއަރޕޯޓެއް ތަރައްގީކުރުން ހިމެނެއެވެ.
ފަތުރުވެރިކަމުގެ ދާއިރާއިން، ލ. ގަމާއި، އައްޑޫ ސިޓީގައި އައްސޭރި ޓޫރިޒަމް މަޝްރޫއު ހިންގުމަށް ވަނީ ނިންމަވާފައެވެ.
މީގެއިތުރުން ކުށަށް އަރައިގަތުމުގެ ނުރައްކަލުގައިވާ ކުދިންނަށް ބޭނުންވާ ފަރުވާ ފޯރުކޮށްދިނުމަށާއި އިޞްލާޙީ އަދި ރީހެބިލިޓޭޝަން ޕްރޮގްރާމްތައް ހިންގުމަށްޓަކައި ގާއިމުކުރުމަށް ހަމަޖެހިފައިވާ "އުއްމީދު / ހޯޕް އައިލެންޑް" މަޝްރޫޢަށް ބޭނުންވާ 15 (ފަނަރަ) ހެކްޓަރުގެ ބިން، ކ. ގިރާވަރު އުތުރުފަޅުން ހިއްކައި، އެ ބިމުގައި ހޯޕް އައިލެންޑް ތަރައްގީކުރުމަށް ވަނީ ކަނޑައަޅުއްވާފައެވެ. އަދި ހަމަ އެފަޅުން "ސެންޓްރަލް ޕްރިޒަން ކޮމްޕްލެކްސް" މަޝްރޫއަށް ބޭނުންވާ 30 ހެކްޓަރުގެ ބިން ހިއްކައި، "ސެންޓްރަލް ޕްރިޒަން ކޮމްޕްލެކްސް" ތަރައްގީކުރުމަށްވެސް ވަނީ ނިންމަވާފައެވެ.
ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގްލާލް ހިމާޔަތްކޮށް ރައްކާތެރިކުރުމަށާއި، ގައުމުގެ ސުލްހަމަސަލަސްކަން ދެމެހެއްޓުމަށްޓަކައި ކުރިއަށްގެންދިއުމަށް ރޭވިފައިވާ މަޝްރޫއުތައް ވެސް މި ސިޔާސަތުގެ ދަށުން ހިންގުމަށް ނިންމަވާފައިވެއެވެ.
ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ ތެރޭގައި މުޅި ރާއްޖޭގައި ސޯޝަލް ހައުސިންގ މަޝްރޫއުތައް ހިންގުމަށާއި، ރަސްމާލެ، ގުޅީފަޅު، ގިރާވަރުފަޅު، އަދި އުތުރު ތިލަފަޅުން ބިންހިއްކުމަށް ވަނީ ނިންމަވާފައެވެ. އަދި މުޅި ރާއްޖޭގައި ބިންހިއްކާފައިވާ ރަށްރަށުގައި މަގު ހެދުމަށާއި، ޔުޓިލިޓީ ހިދުމަތްތައް ގާއިމުކުރުމަށް ވެސް ވަނީ ނިންމަވާފައެވެ.
މީގެއިތުރުން ކޮޅުމަޑުލު ވޭމަންޑޫ އާއި ކޮޅުމަޑުލު ކިނބިދޫ ކޯޒްވޭ ލިންކަކުން ގުޅައިލުމަށާއި، އެއަތޮޅު ދިޔަމިގިއްޔާއި ކޮޅުމަޑުލު މަޑިފުށި ކޯޒްވޭ ލިންކަކުން ގުޅައިލުމަށް ވެސް ވަނީ ނިންމާފައެވެ. އަދި ހައްދުންމަތީ ހިތަދޫ އާއި ހައްދުންމަތީ ކުނަހަންދޫ ކޯޒްވޭ ލިންކަކުން ގުޅައިލުމަށާއި، ހައްދުންމަތީ ކަލައިދޫ އާއި ހައްދުންމަތީ ދަނބިދޫ ކޯޒްވޭ ލިންކަކުން ގުޅައިލުމަށް ވެސް ނިންމާފައި ވެއެވެ.
ހަމަމިއާއެކު މުލަކަތޮޅު މުއްޔާއި މުލަކަތޮޅު ނާލާފުށި ކޯޒްވޭ ލިންކަކުން ގުޅައިލުމަށް މަޝްރޫއުތައް ހިންގުމަށް ވަނީ ނިންމަވާފައެވެ. އަދި ހައިޕަރފޯމަންސް ސެންޓަރެއް ގާމުކުރުމަށް ވެސް ވަނީ ނިންމަވާފައެވެ.