އިނގިރޭސިވިލާތުގެ ވެރިރަށް ލަންޑަނުގެ ހީތްރޯ އެއަރޕޯޓުގެ ވައިގެ ދަތުރުތައް ހުއްޓުމަކަށް އަތުވެއްޖެއެެވެ.
މިއީ ހީތުރޯ ވައިގެ ބަނދަރަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށް ދިނުމަށް ބޭނުން ކުރަމުން ދިޔަ ސަބްސްޓޭޝަނުގައި ހިނގި އަލިފާނުގެ ހާދިސާއެކެވެ.
ރިޕޯޓުތައް ބުނާގޮތުން މި ހާދިސާއާ ގުޅިގެން 100 އަށްވުރެ ގިނަ މަތިންދާބޯޓު ވަނީ ޑައިވަރޓު ކުރަން ޖެހިފައެވެ. އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވައިގެ އުދުހުންތަކުގެ ޝެޑިއުލަށް ވަނީ އަސަރު ކޮށްފައެވެ.
އަލިފާނުގެ ހާދިސާއާ ގުޅިގެން ލަންޑަނުގެ ހުޅަނގުގައި ސަބްސްޓޭޝަން ހުރި ސަރަހައްދުގައި ދިރިއުޅޭ ގިނަ އަދަދެއްގެ ބަޔަކު މިހާރުވަނީ ރައްކާތެރި ހިސާބުތަކަށް ބަދަލު ކޮށްފައެވެ. އަދި އެ ސަރަހައްދުގައި ހުރި އިމާރާތްތަކުގައި ދިރިއުޅޭ 150 އެއްހާ މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލު ކޮށްފައިވާ ކަމަށް ވެސް ޚަބަރުތައް ބުނެއެެވެ.
ދުވާލެއްގެ މައްޗަށް 1,351 މަތިންދާބޯޓަށް ހިދުމަތްދޭ ހީތުރޯއަކީ ދުވާލެއްގެ މައްޗަށް އެވުރެޖުކޮށް 291,000 ފަސިންޖަރުން ހިދުމަތް ހޯދާ ވައިގެ ބަނދަރެކެވެ.
ހީތުރޯއިން ބުނީ ލަންޑަން ގަޑިން މެންދަމު 12 ޖެހުމާއި ހަމައަށް ވައިގެ ބަނދަރު ބަންދުކޮށްފައިވާ ކަމަށެވެ.