ކުޅިވަރު

ރަހްމަތްތެރިކަމުގެ ފުޓްބޯޅަ މެޗު އިންޑިއާ އަށް

އޭޝިއަން ކަޕް ކޮލިފައިން އަށް ތައްޔާރުވުމުގެ ގޮތުން ރާއްޖެއާއި އިންޑިއާ ބައްދަލުކުރި ރަހުމަތްތެރިކަމުގެ ފުޓްބޯޅަ މެޗު އިންޑިއާ އިން ކާމިޔާބުކޮށްފިއެވެ.

 

އިންޑިއާގެ މެގަލާޔާގެ ޝިލޮންގްގެ ޖަވާހަރްލާލް ނެހްރޫ ސްޓޭޑިއަމްގައި މާރޗު 19 ވަނަ ދުވަހުގެ އިރުއޮއްސި 6:30 ގައި ކުޅުނު މި މެޗު އިންޑިއާއިން ކާމިޔާބުކުރީ 3-0 ލަނޑުންނެވެ.

 

އިންޑިއާގެ އެންމެ ފާހަގަކޮށްލެވޭ އަދި މި ސަރަހައްދުގައި ވެސް ގިނަބަޔަކު ޖެހިލުންވާ އެގައުމުގެ ފުޓްބޯޅަ ކެޕްޓަން ސުނިލް ޝެތްރީ ވެސް ވަނީ މި މެޗުގައި ކުޅެ ގޯލެއް ކާމިޔާބުކޮށްދީފައެވެ. މިއީ ގައުމީ ޓީމާ ދުރުގައި ހުރުމަށްފަހު އެނބުރި އައިސް ކުޅުނު ފުރަތަމަ މެޗެވެ.

 

މި މެޗުގައި އިންޑިއާގެ ފުރަތަމަ ލަނޑު 34 ވަނަ މިނެޓުގައި ކޯނަރަކުން ކާމިޔާބުކޮށްދިނީ ރާހުލް ބެކޭއެވެ. އޭނާ ވަނީ މި މެޗުގައި އިތުުރު ލަނޑެއް ވެސް ޖަހާފައެވެ. އެއީ ދެވަނަ ހާފުގައި މެޗުގެ 66 ވަނަ މިނެޓުގައެވެ.

 

އުމުރުން 40 އަހަރުގެ ޗެތްރީ ގައުމީ ޓީމަށް ކުޅުން ހުއްޓާލުމަށްފަހު، އެނބުރި އައިސްފައިވަނީ ޓީމަށް މިހާރުދިމާވެފައިވާ އަޑިގުޑަންތަކުން އަރުވައިދީ، ޓީމު ހަމަމަގަށް އެޅުވުމަށެވެ. އެކަން މި މެޗުން ވެސް ފާހަގަވިއެވެ. އޭނާގެ ތަޖުރިބާގެ އަލީގައި ޒުވާން ކުޅުންތެރިންލައްވައި، ކުޅުވާ އަދި ޚުދު އޭނާ ވެސް ވަނީ ލަނޑެއް ކާމިޔާކޮށްދީފައެވެ.

 

އެހެންކަމުން އިންޑިއާގެ ފުޓްބޯޅަ ޓީމަށް ޗެތްރީ އަކީ ކިހާ ބޭނުންތެރި ކުޅުންތެރިއެއްކަން ވަނީ ސާބިތުކޮށްދީފައެވެ.

 

ޗެތްރީ މިހާތަނަށް ވަނީ ޓީމަށް 152 މެޗުގައި 95 ލަނޑު ކާމިޔާބު ކޮށްދީފައެވެ.

 

އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖެ ހިމެނެނީ ތަޖިކިސްތާން، ފިލިޕީންސް އަދި ޓިމޯ ލެސްޓޭއާއެކު ގްރޫޕް އޭގައެވެ. އަންނަ ހަފްތާގެ އަންގާރަ ދުވަހު ރާއްޖެއިން ފުރަތަމަ މެޗުގައި ބައްދަލު ކުރާނީ ފިލިޕީންސްއާ ދެކޮޅަށެވެ.

 

އިންޑިއާ ހިމެނިފައިވަނީ ހޮންގް ކޮންގް، ސިންގަޕޫރު އަދި ބަންގްލަދޭޝާއެކު ގްރޫޕް ސީގައެވެ. އެޓީމުގެ ފުރަތަމަ މެޗުގައި ނުކުންނާނީ ބަންގްލަދޭޝާ ދެކޮޅަށެވެ.

 


  • އިންޑިއާ
  • ކޮމެންޓް