ރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ތަސްދީގުކުރައްވައިފިއެވެ.
މިއީ މާރޗު 19 ވީ ބުދަ ދުވަހު ބޭއްވެވި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 2025 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 17 ވަނަ ޖަލްސާއިން ފާސްކުރެއްވި ބިލެކެވެ.
ސަރުކާރުގެ ފަރާތުން މި ބިލު ހުށަހެޅުއްވުމުގެ މައިގަނޑު ބޭނުމަކީ، ރާއްޖޭގެ ޓޫރިޒަމާބެހޭ ގާނޫނުގައި ބަޔާންކުރާ ކްރޮސް ސަބްސިޑީގެ ގޮތުގައި ޓޫރިސްޓް ރިޒޯޓު ތަރައްގީކުރުމަށް ރަށް ނުވަތަ ބިން ނުވަތަ ފަޅު ދޫކުރުމާގުޅޭ އުސޫލާއި، ޓޫރިސްޓް ރިޒޯޓު ހެދުމަށް ދޫކުރާ ރަށް ނުވަތަ ބިން ކުއްޔަށް ދޫކޮށްފައިވާ މުއްދަތު އިތުރުކުރުމާގުޅޭ އުސޫލު އިސްލާހުކުރުމަށްޓަކައި ގެންނަންޖެހޭ އިސްލާހުތައް ގެނައުމެވެ. އަދި ޓޫރިޒަމްގެ ބޭނުމަށް ތަރައްގީކޮށް ހިންގަމުންދާ ތަންތަން ރީ-ޑިވެލޮޕްކުރުމަށްޓަކައި ބަންދުކުރުމާބެހޭ އުސޫލުތަކާއި، ޓޫރިޒަމް ޓްރަސްޓް ފަންޑެއް ގާއިމުކޮށް ހިންގުމާބެހޭ އުސޫލުތައް ގާނޫނުގައި ހިމެނުމަށްޓަކައި، ގާނޫނަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމެވެ.
މި އިސްލާހުގައި މީހުން ދިރިއުޅޭ ރަށްރަށް ނުވަތަ ސިޓީތަކުގައި، އެރަށެއް ނުވަތަ ސިޓީއެއްގެ ބިނާވެށީގެ ޕްލޭނާ އެއްގޮތްވާ ގޮތުގެމަތިން ޓޫރިޒަމްގެ ބޭނުމަށް ތަރައްގީކުރެވޭ ބިން ކަނޑައަޅާނީ އެރަށެއް ނުވަތަ ސިޓީއެއް ނިސްބަތްވާ ރަށު ނުވަތަ ސިޓީ ކައުންސިލުންކަމަށް ބަޔާންކޮށްފައިވެއެވެ. އަދި މީހުން ދިރިއުޅޭ ރަށްރަށް ނުވަތަ ސިޓީތައް ނިސްބަތްވާ ރަށު ނުވަތަ ސިޓީ ކައުންސިލުގެ އިހްތިސާސްގައި ހިމެނޭ ފަޅުރަށްރަށާއި ފަޅުތައް ޓޫރިޒަމްގެ ބޭނުމަށް ތަރައްގީކުރެވޭ ސަރަހައްދުތަކުގެ ގޮތުގައި ކަނޑައަޅާނީ ރައީސުލްޖުމްހޫރިއްޔާކަމަށް ވަނީ ބަޔާންކޮށްފައެވެ.
މީހުން ދިރިއުޅޭ ރަށްރަށް ނުވަތަ ސިޓީތައް ނިސްބަތްވާ ރަށު ނުވަތަ ސިޓީ ކައުންސިލުގެ އިޚްތިޞާޞްގައި ހިމެނޭ ފަޅުރަށްރަށާއި ފަޅުތަކުގައި ޓޫރިޒަމްގެ ބޭނުމަށް ކަނޑައަޅާ ސަރަޙައްދުތަކުގައި ތަރައްޤީކުރެވޭނީ ޓޫރިސްޓް ގެސްޓްހައުސް ނުވަތަ ޓޫރިސްޓް ހޮޓާތަކެވެ. އަދި ކްރޮސް ސަބްސިޑީގެ ގޮތުގައި ޓޫރިސްޓު ރިޒޯޓު ތަރައްޤީކުރުމަށް، ދައުލަތުގެ އާންމު މަންފާއަކަށް ޓަކައި ހާސިލުކުރަން ބޭނުންވާ އިޤްތިޞާދީ ސިޔާސަތެއްގެ ދަށުން ނުވަތަ އިޖްތިމާޢީ ސިޔާސަތެއްގެ ދަށުން ނުވަތަ ސަރުކާރުން ކަނޑައަޅާ އެނޫންވެސް މުހިންމު ސިޔާސަތެއްގެ ދަށުން، ރަށް ނުވަތަ ބިން ނުވަތަ ފަޅު، ދޫކުރެވިދާނެކަމަށްވެސް ބިލުގައި ބަޔާންކޮށްފައިވެއެވެ.
މީގެ އިތުރުން، މި އިސްލާޙުގައި ބަޔާންކޮށްފައިވާ ގޮތަށް ފީ އެއް ނެގުމަށްފަހު އެ ރަށެއް ނުވަތަ އެ ބިމެއް ނުވަތަ އެ ފަޅެއް ކުއްޔަށްދޫކޮށްފައިވާ މުއްދަތު އިތުރުކޮށްދޭންވާނެކަމަށް، މި އިސްލާޙުގެ ދަށުން ކަނޑައަޅާފައިވެއެވެ. މުއްދަތު އިތުރުކުރެވޭނީ ގިނަ ވެގެން 49 އަހަރުދުވަހުގެ މުއްދަތަށެވެ.
ޓޫރިޒަމްގެ ބޭނުމަށް ތަރައްޤީކޮށް ހިންގަމުންދާ ތަންތަން ރީ-ޑިވެލޮޕްކުރުމަށް ބަންދުކުރުމުގައި އަދި ކަނޑައަޅައިފައިވާ މުއްދަތުގެ ތެރޭގައި ރީ-ޑިވެލޮޕްމަންޓުގެ މަސައްކަތް ނިންމައި، ތަން ހުޅުވައި، ޚިދުމަތް ދޭން ފައްޓައިފައި ނުވާނަމަ ޢަމަލުކުރާނީ، މި ޤާނޫނުގެ ދަށުން ޓޫރިޒަމާބެހޭ މިނިސްޓްރީން ހަދާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތީންކަމަށް އިސްލާޙުގައި ބަޔާންކޮށްފައިވެއެވެ.
މީގެ އިތުރުން، ޤާނޫނަށް ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެން 1 އަހަރުދުވަހުގެ ތެރޭގައި މި ގާނޫނުގެ ދަށުން ޓޫރިޒަމާބެހޭ މިނިސްޓްރީން ކަނޑައަޅާ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެމަތިން، ޓޫރިސްޓް ހިދުމަތްދޭ ތަންތަނުގައި، އެތަނެއްގެ އެކި ދާއިރާތަކުގެ ސޭފްޓީ އަދި އޮޕަރޭޓިންގ ސްޓޭންޑަރޑްސް ކަނޑައަޅާ ކޮމްޕަލަޔަންސް ކޯޑެއް އެކުލަވައިލަންވާނެކަމަށް އިސްލާހުގައި ބުނެފައިވެއެވެ. އަދި ޓޫރިސްޓް ހިދުމަތްދޭ ތަންތަން އިޝްތިހާރުކުރުމުގައްޔާއި އެ ތަންތަނާބެހޭ މަޢުލޫމާތު އާންމުކުރުމުގައި ޢަމަލުކުރާނެގޮތުގެ ޤަވާއިދެއް ޓޫރިޒަމާބެހޭ މިނިސްޓްރީން ހަދަންވާނެކަމަށްވެސް އިސްލާހުގައިވެއެވެ.
މި ގާނޫނަށް ޢަމަލުކުރަން ފެށުމާއެކު، "ޓޫރިޒަމް ޓްރަސްޓް ފަންޑު" ގެ ނަމުގައި، ފަންޑެއް އުފެދުނީކަމަށާއި، އަދި ކުރިން ގާނޫނު ނަންބަރު 2006/3 (ދައުލަތުގެ މާލިއްޔަތުގެ ގާނޫނު) ގެ ދަށުން ގާއިމުކޮށް ހިންގަމުން އައި "ފަތުރުވެރިކަމުގެ ސިނާއަތުގެ ޓްރަސްޓް ފަންޑު" އުވި، އެ ފަންޑުގައިވާ ފައިސާ ޓޫރިޒަމް ޓްރަސްޓް ފަންޑަށް ބަދަލުވީކަމަށް ވެސް މި އިސްލާހުގައި ބަޔާންކޮށްފައިވެއެވެ.
މި ބިލު ތަސްދީގުކުރައްވައި، ދިވެހިސަރުކާރުގެ ގެޒެޓުގައި މިހާރުވަނީ ޝާއިއުކުރެއްވުމާއެކު، މި އިސްލާހަށް މިހާރު ވަނީ ޢަމަލުކުރަން ފަށާފައެވެ.