ދަނޑުވެރިކަމަށް ޗައިނާއިން ދިން އެހީ ހަވާލުކުރާނީ އަތޮޅު އަދި ސިޓީކައުންސިލްތަކަށް ކަމުގައި އެގްރިކަލްޗަރ މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
އެ މިނިސްޓްރީން ވިދާޅުވީ މި އެހީގެ ދަށުން ސިޗުއާން ޕްރޮވިންޝަލް ޑިޕާޓްމަންޓް އޮފް އެގްރިކަލްޗަރ އިން ފޯރުކޮށްދޭ ތަކެތި ރާއްޖެއަށް ލިބިފައިވާ ކަމަށެވެ. އަދި މިތަކެތީގެ ތެރެއިން ބޮޑެތި ގަސްތަކަށް ބޭސްޖަހާ ސްޕްރޭޔަރުތައް ހަވާލުކުރުމަށް ނިންމާފައިވަނީ ހުރިހާ އަތޮޅެއްގެ އަތޮޅު ކައުންސިލްތަކާއި، ސިޓީ ކައުންސިލްތަކަށް ކަމަށް ވިދާޅުވިއެވެ.
މިގޮތަށް ހަމަޖައްސާފައިވަނީ އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށުގައި މިފަދަ ޕެސްޓު ކޮންޓްރޯލުކުރަންޖެހިއްޖެ ހާލަތެއްގައި ފަސޭހަކަމާއެކު އަވަހަށް ސްޕްރޭޔަރގެ ބޭނުންހިފޭނެ މަގުފަހިކުރުމަށް ކަމަށް ވިދާޅުވިއެވެ. އަދި މިގޮތަށް ޢަމަލު ކުރުމަށް ނިންމީ ރަށްރަށުގެ އާންމު ސަރަހައްދުތަކުގައި ހުންނަ ބޮޑެތި ގަސްތަކުގައި ހުވަންޏާއި، ކޫޑިފަދަ ސޫފާސޫފި (ޕެސްޓު) އަޅައިގެން މާއްދީ އެހީތެރިކަން ފޯރުކޮށްދިނުމަށް އެ މނިނިސްޓްރީ އަށް އެދޭ ނިސްބަތް އެއް އަހަރުން އަނެއް އަހަރަށް އިތުރުވަމުންދާތީކަމަށް ވެސް ވިދާޅުވިއެވެ.
މީގެއިތުރުން ރަށްރަށުގެ އާންމު ސަރަހައްދުތަކުގައި ހުންނަ ގަސްތަކުގައި އަޅައި، ޕެސްޓު ކޮންޓްރޯލްކުރުމުގެ ޒިންމާ، ލާމަރުކަޒީ ގާނޫނުގެ ދަށުން ހަވާލުވެފައިވަނީ ރަށު ކައުންސިލުތަކާކަމަށްވުމާއިއެކު، ރަށު ފެންވަރުގައި ޕެސްޓު ކޮންޓްރޯލުކުރުމުގެ ޕްރޮގްރާމްތައް ހިންގުމުގެ ގާބިލުކަން އިތުރު ކުރުމަށް ރަށްރަށުގައި މިވަސީލަތްތައް ގާއިމުވެފައި ހުރުމަކީ މުހިންމަކަށްވާތީ ކަމަށް ވެސް ވަނީ ހާމަކުރައްވާފައެވެ.
އެގައުމުން ފޯރުކޮށްދީފައިވާ މި ޕެކޭޖުގައި ހިމެނެނީ ބޮޑެތި ގަސްތަކަށް ސްޕްރޭ ކުރުމަށް ބޭނުންކުރާ 25 ސްޕްރޭޔަރާއި، ފަސްގަނޑުގައި ކާނާ އެކުލެވޭ މިންވަރު ބެލުމަށް ބޭނުންކުރާ 100 ޓެސްޓު ކިޓާއި އޮޓަމެޓިކުން ފެންދެވޭ ނިޒާމު ގާއިމުކުރުމަށް ބޭނުންކުރާ 35 ކޮންޓްރޯލަރއާއި، ދޫނިރޯގާ (އޭވިއަން އިންފުލޫންޒާ) ވައިރަސް ޓެސްޓުކުރުމަށް ބޭނުންކުރާ 340 ޓެސްޓު ކިޓެވެ.
މީގެއިތުރުން ރާއްޖޭގެ ރުއްތަކަށް ގެއްލުންދޭ ކޮކޮނަޓް ހިސްޕައިން ބީޓްލް ކޮންޓްރޯލުކުރުމަށްޓަކައި ޗައިނާ ސަރުކާރުގެ އެހީގައި ރާއްޖޭގައި ހިންގުމަށް ހަމަޖެހިފައިވާ 'މޯލްޑިވްސް ކޮކަނަޓް ޓްރީ ޕެސްޓް ކޮންޓްރޯލް އެސިސްޓެންސް ޕްރޮޖެކްޓް' ގެ ދަށުން ހިސްޕައިން ބީޓްލްއަށް ހަމަލާދޭ ނެޗްރަލް އެނެމީ (ޕެރަސިޓޮއިޑު) އާލާކުރުމުގެ މަސައްކަތް ފަށައިގަތުމުގެ ގޮތުން ޗައިނީޒް އެކަޑަމީ އޮފް ޓްރޮޕިކަލް އެގްރިކަލްޗަރަލް ސައިންސް (ކަޓާސް) ގެ ޓީމެއް 2024 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ ތެރޭގައި ވަނީ ރާއްޖެއަށް ޒިޔާރަތްކޮށް، ހަނީމާދޫ އެގްރިކަލްޗަރ ސެންޓަރުގައި ނެޗްރަލް އެނެމީ އިންސެކްޓް ޕްލާންޓް ގާއިމުކުރުމުގެ ސާވޭ ހަދާފައެވެ.
މި ޕްރޮޖެކްޓްގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ ރުއްތަކަށް އެންމެ ބޮޑަށް ގެއްލުން ސޫތްޕެއްކަމަށްވާ ކޮކޮނަޓް ހިސްޕައިން ބީޓްލް ކޮންޓްރޯލުކުރުމުގައި އިދާރީގޮތުން ބޭނުންކުރެވޭ އެކުވި ގޮތްތަކުގެ ތެރެއިން ގުދުރަތީގޮތުން ޕެސްޓަށް ހަމަލާދޭ، ގަސްގަހާގެއްސަށް ފައިދާހުރި ސޫތްޕެއްކަމަށްވާ ލާވަލް ޕެރެސިޓޮއިޑް 'އެސިކޯޑްސް ހިސްޕިނާރަމް' އާލާކުރުމަށްފަހު ކޮކޮނަޓް ހިސްޕައިން ބީޓްލް އަށަގެންފައިވާ ރުއްތަކަށް ދޫކުރުމެވެ.
ރާއްޖޭގެ ދަނޑުވެރިކަން ތަރައްގީކޮށް ކުރިއެރުވުމަށް އެހީތެރިކަމާއި އެއްބާރުލުންދިނުމަށް މި މިވުޒާރާއާއި ސިޗުއާން ޕްރޮވިންޝަލް ޑިޕާޓްމަންޓް އޮފް އެގްރިކަލްޗަރ އާއި ސިޗުއާން އެކަޑެމީ އޮފް އެގްރިކަލްޗަރަލް ސައިންސަސް އާ ދެމެދު 6 އޮގަސްޓު 2024 ގައި ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.
މި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ސިޗުއާން ޕްރޮވިންޝަލް ޑިޕާޓްމަންޓް އޮފް އެގްރިކަލްޗަރ އިން ވަނީ 100,000 ޔުއާންގެ ހިލޭ އެހީ ރަމްޒީގޮތުން ހަވާލުކޮށްދެއްވާފައެވެ.