އަވަށްޓެރި އިންޑިއާއާ ދެކޮޅަށް ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމު ކުޅޭ އެކުވެރިކަމުގެ މެޗު މިރޭ އޮންނާނެއެވެ.
މިއީ އޭއެފްސީ އޭޝިއަން ކަޕް ކޮލިފިކޭޝަން ތިންވަނަ ބުރުގައި ރާއްޖެއިން ކުޅޭ ފުރަތަމަ މެޗަށް ތައްޔާރުވުމުގެގޮތުން ކުޅޭ އެކުވެރިކަމުގެ މެޗެކެވެ.
ރާއްޖެގަޑިން މިއަދު އިރުއޮއްސި 6:30 ގައި އިންޑިއާގެ ޝިލޯންގެ ޖަވާހަރްލާލް ނެހްރޫ ސްޓޭޑިއަމްގައި ކުޅޭ މި މެޗަކީ އިންޑިއާއިން ވެސް ކޮލިފައިންނަށް ތައްޔާރުވާން ކުޅޭ މެޗެވެ. މި މެޗާއިގުޅޭގޮތުން ރާއްޖޭގެ ޓީމުގެ ކޯޗު ޢަލީ ސުޒައިން ވިދާޅުވެފައިވަނީ މިއީ ވަރަށް ވާދަވެރި މެޗަކަށްވާނެ ކަމަށެވެ. އެއީ ދެގައުމަކީ ވެސް މި ސަރަހައްދުގެ ގަދަބާރުތަކެއް ކަމަށްވާތީކަން ފާހަގަކުރެއްވިއެވެ.
ސުޒައިން ވަނީ ރާއްޖޭގެ ގައުމީ ޓީމުގެ ކުޅުންތެރިން ފަހަކަށް އައިސް ގިނަ މެޗުތަކެއް ކުޅެފައި ނުވާކަން ފާހަގަކުރައްވާފައެވެ. އެހެންނަމަވެސް ކުޅުންތެރިންނަށް އިތުބާރު ކުރާކަމަށާއި ކުޅުންތެރިން ވެސް އޭނާ އަށް އިތުބާރު ކުރާނެ ކަމަށް ވިދާޅުވިއެވެ. އަދި ދިވެހި ގައުމީ ޓީމުގެ ކޮންމެ ކުޅުންތެރިއެއްވެސް އަދި އޮފިޝަލެއް ވެސް މިއަދުގެ މެޗަށް ނުކުންނާނީ ދިވެހި ރައްޔިތުންނަށްޓަކައި ކަމަށް ވެސް ވިދާޅުވިއެވެ.
އޭއެފްސީ އޭޝިއަން ކަޕް ކޮލިފިކޭޝަން ތިންވަނަ ބުރުގައި ރާއްޖެކުޅޭ ފުރަތަމަ ކުޅޭނީ މެޗު 25 ވަނަ ދުވަހު ފިލިޕީންސާ ދެކޮޅަށެވެ.
ރާއްޖެއާއި އިންޑިއާގެ ބައްދަލުކުރުންތަކަށް ބަލާލާއިރު، މިހާތަނަށް ވަނީ 21 މެޗު ކުޅެފައެވެ. އޭގެތެރެއިން 15 މެޗު އިންޑިއާ ކާމިޔާބުކޮށްފައިވާއިރު، ރާއްޖެއަށް ކާޟިޔާބުކުރެވުނީ 4 މެޗެވެ. އަދި އަނެއް ދެމެޗު ވަނީ އެއްވަރުވެފައެވެ.
ދެގައުމުން އެންމެ ފަހުން ކުޅުނު މެޗަކީ 2021 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕްގައި ރާއްޖޭގައި ކުޅުނު މެޗެވެ. އެމެޗުން މޮޅުވީ އިންޑިއާއެވެ.