ފޮރިން މިނިސްޓަރ ޑރ. ޢަބްދުﷲ ޚަލީލް އިންޑިއާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފިއެވެ.
މިއީ މިމަހުގެ 17 އިން މިއަދުގެ ނިޔަލަށް އިންޑިއާގެ ނިއުދިއްލީގައި ކުރިއަށްދިޔަ ރައިސީނާ ޑައިލޮގްގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ދަތުރުފުޅެކެވެ.
މި އަހަރުގެ ރައިސީނާގެ ޝަރަފުވެރި މެހެމާނުގެ ގޮތުގައި ނިއުޒިލެންޑްގެ ބޮޑުވަޒީރު ކްރިސްޓޮފަރ ލަކްސަން ބައިވެރިވެވަޑައިގެންެނެވިއިރު، މި ޑައިލޮގްގެ ތެރެއިން ކުރިއަށްދިޔަ "ކްލައިމެޓް ކެޓެކްލިސަމް: އެޑެޕްޓޭޝަން އެޖެންޑާ އިޒް ގެސްޕިންގް"ގެ ޕެނަލް ޑިސްކަޝަންގައި ޑރ. ޚަލީލު ވަނީ ބައިވެރިވެވަޑައިގެންފައެވެ. މި ޕެނަލް ޑިސްކަޝަންގައި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދިމާވާ ދަތިތަކާއި އެ ދަތިތަކުން އަރައިގަތުމަށް ކުދި ޖަޒީރާ ގައުމުތަކަށް ލިބޭ މާލީ އެހީތެރިކަން ހަރުދަނާކުރުމުގެ މައްޗަށް ވަނީ އަލިއަޅުވާލައްވާފައެވެ.
މިނިސްޓަރުގެ މި ދަތުރުފުޅުގެ ހަވާސާގައި އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓަރ ޑރ. އެސް ޖައިޝަންކަރާއި ބައްދަލުކުރައްވައި ރާއްޖެއާއި އިންޑިއާގެ ގުޅުން އިތުރަށް ބަދަހިކުރުމާގުޅޭގޮތުން މަޝްވަރާ ކުރައްވާފައި ވެއެވެ. އަދި އެގައުމުގެ އެހީގައި ރާއްޖޭގައި މިވަގުތު ކުރިއަށްދާ މަސައްކަތްތަކުގެ އެންމެފަހުގެ މައުލޫމާތު ހިއްސާކުރެއްވިއެވެ.
މީގެއިތުރުން ތަރައްގީގެ ރޮނގުން އިތުރަށް ކުރެވިދާނެ ކަންކަމާގުޅޭގޮތުން ވެސް މަޝްވަރާކުރައްވާފައިވާއިރު، މިނިސްޓަރ ޑރ. ޚަލީލު ވަނީ އެހެން ބައެއް ގައުމުތަކުގެ ފޮރިން މިނިސްޓަރުންނާވެސް، ބައްދަލުކުރައްވާ މުހިންމު މަޝްވަރާތަކެއް ކުރައްވާފައެވެ.
ރައިސީނާ ޑައިލޮގަކީ އޮބްޒާވަރ ރިސާޗް ފައުންޑޭޝަނާއި އިންޑިއާގެ މިނިސްޓްރީ އޮފް އެކްސްޓާނަލް އެފެއާޒް ގުޅިގެން ކޮންމެ އަހަރަކު ބާއްވާ ކޮންފަރެންސެކެވެ.