މުއްސަނދިންނަށް ލިބޭ މުއްސަނދިކަމަކީ ހަމައެކަނި ތިމާގެ އަމިއްލަ ޒާތަށް ލިބޭ މުއްސަނދިކަމެއްނޫންކަން ކުރީގެ ރައީސް އަލް އުސްތާޛު މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ ރަމަޟާންމަހުގެ ރޭތައް އިޙްޔާ ކުރުމަށް މައުމޫން ފައުންޑޭޝަނުން އިސްނަގައިގެން ބޭއްވި އިޙްޔާ ފޯރަމްގައި ވާހަކަފުޅުދައްކަވަމުންނެވެ.
މައުމޫން ފައުންޑޭޝަނުން ސިލްސިލާކޮށް ބާއްވަމުންދާ އިޙްޔާ ފޯރަމްތަކުގެ ތެރެއިން މާރޗު 18 ވަނަ ދުވަހުގެ ރޭ ބޭއްވި ފޯރަމް ވާހަކަދައްކަވާފައިވަނީ "އިޖްތިމާޢީ އަދާލަތު ޤާއިމުކުރުމުގައި ޒަކާތުގެ ދައުރު" މި މައުޟޫއަށެވެ.
ރައީސް މައުމޫން ވިދާޅުވީ މުޅި މުޖުތަމައުގެ ހައްގު އޭގައި ހިމެނޭކަމަށާއި އެ ހައްގުތައް އަދާކުރަންޖެހޭކަމަށެވެ. އަދި ޒަކާތަކީ އިސްލާމްދީނުގައި އިޖްތިމާއީ އަދާލަތު ބިނާކުރުމުގައި ވަރަށް ބޮޑަށް އެހީތެރިވެދޭކަމެއް ކަމަށް ވެސް ވިދާޅުވިއެވެ.
މީގެއިތުރުން ޒަކާތް ފިޔަވާ އިސްލާމްދީނުގެ ކޮންމެ ރުކުނަކީ ވެސް ބާލިޣުވެފައިވާ މީހުންނަށާއި ހަމަ ބުއްދީގެ އަހުލުވެރިންނަށް ވާޖިބު ރުކުންތަކެއްކަން ފާހަގަކުރައްވާ ވިދާޅުވީ ޒަކާތަކީ އެންމެންގެ މައްޗަށް ވެސް އެއްވެސް އިސްތިސްނާއެއްނެތި ވާޖިބުވާކަމެއްކަމަށެވެ. އެހެންވެ، އެކަމުންވެސް ޒަކާތުގެ މުހިންމުކަން ހާމަވާކަން ފާހަގަކުރެއްވިއެވެ.
ރައީސް މައުމޫން ވިދާޅުވީ ކުޑަކުއްޖާ "ނަމާދުކުރާށާއި ރޯދަހިފާށާއި ހައްޖަށްދާކަށް ނުޖެހޭ ކަމަށެވެ. އެހެންނަމަވެސް ޒަކާތް ދައްކަންޖެހޭ ކަމަށެވެ.
"އޭނައެއްނޫން ދައްކާނީ، އޭނާގެ ފަރާތުން އޭނަގެ ބަލަދުވެރިޔާ ދައްކާނީ. އެހެންނަމަވެސް އޭނަގެ ފައިސާގައި، އޭނަގެ މުދަލުގައި، އޭނައަށް ނިސްބަތްވާ އެއްޗެއްގައި ޒަކާތް އޮންނާނެ. އެ އެބަ ދައްކަންޖެހޭ."
އޭގެ ފައިދާ މުޅި މުޖުތަމައަށް ވެސް ލިބިގެންދާ ކަމަށާއި ޒަކާތުގެ މުހިންމުކަމަކީ އެއީ ކަމުގައި ވިދާޅުވިއެވެ.