ރަމަޟާން މަހަށް ހާއްސަކޮށްގެން ވިލިމާލޭގައި ކުރިއަށް ގެންދާ ‘’ވިލިތަރި ޤުރުޢާން'' މުބާރާތް ވިލިމާލޭގައި ފަށައިފިއެވެ.
މި މުބާރާތް ފެށުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އައްޝެއިޚް އަޙްމަދު ފަހުމީ ދީދީއެވެ.
މި ރަސްމިއްޔާތުގައި މާލެ ޕޮލިސް ހެޑް، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އާސިމް ޢަބްދުﷲ އާއި ތިލަމާލެ ޕޮލިސް ހެޑް، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ޢަބްދުﷲ ރަޝީދުއާއި ވިލިމާލެ ޕޮލިސް ހެޑް، ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ޒިޔާދު އަލީ ބައިވެރިވެލެއްވިއެވެ.
އައްޝެއިޚް އަޙްމަދު ފަހުމީ ދީދީ ދެއްކެވި ވާހަކައިގާ މީސްތަކުންނަށް ހެޔޮކަމާއި، ސުލްޙަވެރިކަމާއި، ރޫޙާނީ ކުރިއެރުމަށް މަގުފަހިކޮށްދިނުމުގައި ކީރިތި ޤުރްއާނުގެ މުހިންމު ދައުރާ ބެހޭގޮތުން އަލިއަޅުވާލެއްވިއެވެ. އަދި ކީރިތި ޤުރްއާނާ އޮންނަ ގުޅުން އިތުރަށް ރަނގަޅު ކުރުމަށާއި ދިރިއުޅުން ބައްޓަންކުރުމުގައި ޤުރުއާން ކިޔެވުމުގެ މުހިންމުކަމާއި ކުދިންގެ ހިތްތަކުގައި ޤުރްއާނުގެ މައްޗަށް ލޯބި ޖެއްސުމަކީ މުހިންމު ކަމެއްކަން ފާހަގަކުރެއްވިއެވެ.
ހާއްސަކޮށް ރަމަޟާން މަސް ފަދަ މާތް މައްސަރެއްގައި ޤުރްއާން ކިޔަވައި އެއާމެދު ވިސްނައި ފިކުރުކުރުމާއި ޤުރުޢާނަކީ ރޫޙާނީގޮތުން އެތައް ފައިދާއެއް ކުރާނެކަމެއް ކަމުގައި ވެސް ފާހަގަކުރެއްވިއެވެ.
ވިލިމާލެ ޕޮލިހުން އިންތިޒާމުކޮށްގެން މި މަހު 18 އިން 19 އަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި 95 ކުދިން ބައިވެރިވެއެވެ. އެއީ ތިން އަހަރާއި ފަސް އަހަރާ ދެމެދުގެ އުމުރު ފުރާގެ 24 ކުދިންނާއި ހަ އަހަރާއި ނުވަ އަހަރާ ދެމެދުގެ އުމުރުފުރާގެ 36 ކުދިންނާއި 10 އަހަރާއި 13 އަހަރާ ދެމެދުގެ އުމުރުފުރާގެ 24 ކުދިންގެ އިތުރުން 14އަހަރާއި 17 އަހަރާ ދެމެދުގެ އުމުރުފުރާގެ 11 ކުދިންނެވެ.
އާންމުންނާއި ފުލުހުންނާ ދެމެދު އޮންނަ ގުޅުން އިތުރަށް ރަނގަޅުކޮށް ސްކޫލު ދަރިވަރުންގެ ހިތްތަކުގައި ކީރިތި ޤުރުޢާނަށް އޮންނަ ލޯބި އިތުރުކުރުމާއި ރަށުތެރޭގައި އެއްބައިވަންތަކަމާއި ސުލްހަ މަސަލަސްކަން ގާއިމުކުރުމަށް ވިލިމާލޭ ޕޮލިހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މިފަދަ މުބާރާތްތައް ބާއްވައި ތަފާތު ހަރަކާތްތައް ސިލްސިލާކޮށް ދަނީ ހިންގަމުންނެވެ.