ރައްޔިތުންގެ މަޖިލިސް ހިނގަމުންދަނީ ރައްޔިތުންގެ މަޖިލިސް ހިންގަން އެކުލަވާލާފައިވާ ގަވާއިދުތަކާއި އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
އަބްދުއްރަހީމް މިފަދައިން ވިދާޅުވީ މަޖިލީހުގައި މިއަދުގެ ޖަލްސާގައި މަޖިލީހުގެ ގަވާއިދަށް އިސްލާހު ގެނައުމަށް ހުށަހަޅުއްވާފައިވާ މައްސަލަ އާންމު ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓުގެ ބަހުސްގައި ކެންދޫ ދާއިރާގެ މެންބަރު މައުރޫފު ޒާކިރު ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވަމުންނެވެ.
އިހަވަންދޫ ދާއިރާގެ މެންބަރު އަހުމަދު ނަސީރު ހުށަހެޅުއްވި މި އިސްލާހަށް ވާހަކަދައްކަވަމުން ޒާކިރު ވިދާޅުވީ މަޖިލީހަކީ ރައީސްގެ ކޮންޓްރޯލުގައިވާ ތަނެއް ކަމަށެވެ. އަދި މަޖިލިސް އޮޕަރޭޓުކުރަމުންދަނީ ބޮޓުންތަކެއް އޮޕަރޭޓުކުރާ ގޮތަށް ކަމަށެވެ.
މީގެއިތުރުން މުޅި މަޖިލީސް ކޮންޓްރޯލު ކުރައްވަނީ ރައީސް ކަމަށް ވެސް ވިދާޅުވިއެވެ. އަދި މަޖިލީހުގެ ރިޔާސަތު ވެސް ކޮންޓްރޯލު ކުރަައްވަނީ ރައީސް ޑރ. މުޢިއްޒި ކަމަށް ވަނީ ތުހުމަތު ކުރައްވާފައެވެ.
މިކަމަށް ރައްދުދެއްވައި މަޖިލީހުގެ ވިދާޅުވީ އެދައްކަވަނީ ވާހަކަތަކަކީ ރަނގަޅު ވާހަކަތަކެއް ނޫން ކަމަށެވެ. އަދި ރައީސް ނިސްބަތްވެވަޑައިގަންނަވާ ޕާޓީގެ ސުޕަމެޖޯރިޓީ މަޖިލީހުގައި އޮތްނަމަވެސް އެއީ ރާއްޖޭގެ ރައީސްގެ ހައިސިއްޔަތުން އެމަނިކުފާނު މަޖިލިސް ކޮންޓްރޯލު ކުރާ ކަމަށް ބުނެ ވާހަކަ ދެއްކޭނެ ސަބަބެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވެސް ވިދާޅުވެފައެވެ.
މީގެއިތުރުން ރާއްޖޭގައި އޮތީ ތިން ބާރު ވަކިވެފައިވާ ނިޒާމެއް ކަމަށާއި މިއީ އެއް ބާރުން އަނެއް ބާރަށް ނުފޫޒު ފޯރުވުމަކާ ނުލައި އެއް ބާރުން އަނެއް ބާރަށް ފާރަވެރިވެގެން މަސައްކަތް ކުރެވޭ ގޮތަށް އޮތް ނިޒާމެއް ކަމަށް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.