ބޯޓެއްގައި ރޯވެ، ފަތުރުވެރިއަކު ގެއްލިއްޖެއެވެ.
މިއީ ތައިލެންޑުގެ ކޮންޓާއޯ އައިލެންޑުގެ އައްސޭރިފަށާ ކައިރީގައި ހިނގި ހާދިސާއެކެވެ. އެ ހާދިސާއާ ގުޅިގެން އެގައުމުގެ އޮފިޝަލުންނާ ހަވާލާދީ ބޭރުގެ ޚަބަރުތަކުގައި ބުނެފައިވަނީ ރޯވި ބޯޓު މިހާރުވަނީ އަޑިއަށް ގޮސްފައި ކަމަށެވެ.
އޮފިޝަލުންގެ މައުލޫމާތަށް ބުރަވެ، ރިޕޯޓުތަކުގައި ބުނީ ހާދިސާގައި ހިނގީ ބޯޓުގެ އިންޖީނުގައި ކަމަށާއި ބޯޓުގައި އެވަގުތު ތިބި މީހުންގެ ތެރެއިން އިނގިރޭސިވިލާތަށް ނިސްބަތްވާ ފަތުރުވެރިއަކު ގެއްލިފައިވާ ކަމަށެވެ. އަދި އެއީ އުމުރުން 26 އަހަރުގެ އަންހެނެއް ކަމަށް ވެސް ވަނީ ބުނެފައެވެ.
ރިޕޯޓުތަކުން މިހާތަނަށް ބުނެފައިވަނީ ބޯޓުގައި ރޯވީ އިންޖީނު ނުނިއްވައި ތެޔޮ އަޅަނިކޮށް ކަމަށެވެ. ތައިލެންޑުގެ ނޫސްތަކުގައި ބުނީ އެބޯޓުގެ ކެޕްޓަނާއި ފަޅުވެރީން ހައްޔަރުކޮށްފައިވާކަމަށެވެ.
ގެއްލުނު ފަތުރުވެރިޔާ ހޯދުމުގެ މަސައްކަތުގައި އެސަރަހައްދުގެ ޑައިވިންގ ޓީމުތައް ވެސް މިހާރުދަނީ ހަރަކާތްތެރިވަމުންނެވެ.