ސްކޭމްގެ މައްސަލަތަކާ ގުޅޭ އެންމެހާ ފިޔަވަޅުތައް އެޅުމާއި، އެހެނިހެން އިދާރާތަކާއެކު ކުރަންޖެހޭ މުޢާމަލާތްތައް މަރުކަޒީ ގޮތެއްގައި ބަލަހައްޓާނީ އެންޓި-ސްކޭމް ސެންޓަރުން ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު ނިންމަވައިފިއެވެ.
ރާއްޖޭގައި އިތުރުވަމުންދާ ސްކޭމްގެ މައްސަލަތަކަށް ހައްލެއް ހޯދުމުގެ މަގްސަދުގައި މޯލްޑިވްސް ޕޮލިސް ސަރވިސް އިން 2024-2028 ސްޓްރެޓީޖިކް ޕްލޭންގެ ދަށުން 2024 ވަނަ އަހަރުގެ ޖޫން މަހު 'އެންޓި-ސެކޭމް ސެންޓަރު' ގެ ނަމުގައި ހާއްސަ މަރުކަޒެއް ވަނީ ގާއިމްކޮށްފައެވެ.
މިގޮތުން މި އަހަރުގެ މާރޗު މަހުގެ 17 ވަނަ ދުވަހުން ފެށިގެން ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ހިނގާ ސްކޭމް މައްސަލަތަކާ ގުޅޭ އެންމެހައި ފިޔަވަޅުތައް އެދުވަހުން ފެށިގެން އަޅާނީ އެންޓި-ސްކޭމް ސެންޓަރުން ކަމަށް މިވަނީ ނިންމަވާފައެވެ.
ދިވެހި ފުލުހުންގެ ހިދުމަތުން ނެރުނު ނޫސްބަޔާނެއްގައި ވަނީ މިއައު ނިޒާމުގެ ދަށުން، ސްކޭމްގެ މައްސަލަތައް ރިޕޯޓުކުރުމަށް ހާއްސަ ކޯލް ސެންޓަރެއް ވެސް ގާއިމްކޮށްފައިވާ ކަމަށެވެ. އަދި މި ކޯލް ސެންޓަރަށް މައްސަލައެއް ރިޕޯޓުކުރެވޭ ހިސާބުން ފެށިގެން، މާލީ އިދާރާތަކާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި، އެ އިދާރާތަކުން ލިބެންޖެހޭ މައުލޫމާތު ހޯދުމުގެ މަސައްކަތް ވަގުތުން ކުރިއަށް ގެންދާނީ އެންޓި-ސްކޭމް ސެންޓަރުން ކަމަށް އެ ބަޔާނުގައި ވެއެވެ.
އެހެންކަމުން މާރޗު 17 ން ފެށިގެން ނެޝަނަލް އިމަޖެންސީ ނަންބަރު 911 އާއި އެންޓި-ސްކޭމް ހޮޓްލައިން 125 ( އެކްސްޓެންޝަން 2020) އަދި އެންޓި-ސްކޭމް ސެންޓަރުގެ އީމެއިލް [email protected] މެދުވެރިކޮށް ރާއްޖެ އާއި ރާއްޖެއިން ބޭރުގެ ކޮންމެ ހިސާބަކުން ވެސް ސްކޭމާ ގުޅުންހުރި މައްސަލަތައް ރިޕޯޓް ކުރުމުގެ އިންތިޒާމުތައް މިހާރު ވަނީ ހަމަޖެހިފައެވެ.
ފާއިތުވި ދުވަސްތަކުގައި ސްކޭމްގެ މައްސަލަތައް ހައްލުކުރުމަށް ފުލުހުންގެ ހިދުމަތާއި މާލީ އިދާރާތަކުން ކުރަމުންދިޔަ މަސައްކަތްތަކަށް ރައްޔިތުންގެ ފަރާތުން ލިބުނު އެއްބާރުލުމަށް ފުލުހުންގެ ޚިދުމަތުން ވަނީ ޝުކުރުއަދާކުރައްވާފައެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި ސްކޭމްގެ މައްސަލަތައް ހުއްޓުވުމަށްޓަކައި އެފަދަ މައްސަލަތައް ވީ އެންމެ އަވަހަށް އެންޓި-ސްކޭމް ސެންޓަރަށް ރިޕޯޓު ކުރުމަށްވެސް ފުލުހުންގެ ހިދުމަތުން އެދިލައްވައެވެ.