ހަބަރު

ދަނޑުވެރިކަމާއި ގުޅުންހުރި ގޮންޖެހުންތަކަށް ހައްލުހޯދުމަށް މަޝްވަރާކޮށްފި

އެންވަޔަރްމެންޓް އެންޑް ޓޫރިޒަމް މިނިސްޓަރ ތާރިގް އިބްރާހިމް

ދަނޑުވެރިކަމާއި ގުޅުންހުރި ގޮންޖެހުންތަކަށް ހައްލުހޯދުމަށް މަޝްވަރާކޮށްފިއެވެ.

 

މިއީ މިނިސްޓަރ ޠާރިޤް އިބްރާހީމް އާއި މިނިސްޓަރ ޑރ. މަރްޔަމް މާރިޔާ އާއެކު، އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އާއި މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސްގެ އިސް ބޭފުޅުންގެ މެދުގައި ބޭއްވި ބައްދަލުވުމެކެވެ.

 

މި ބައްދަލުވުމުގައި ކާޅާ، ވައު، ރުއްގަހަށް ޖެހޭ ބަލިތައް، ކުދި ދަނޑުވެރިންނަށް ދަނޑުބިން ލިބުމުގެ ދަތިކަމާއި ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. އަދި ސޫފާސޫތްޕާއި ޖަނަވާރު އެތެރެކުރުމާ ގުޅޭ މައްސަލަތައް ވެސް ހިމެނެއެވެ.

 

މިއީ ގައުމުގެ ކާބޯތަކެތީގެ ރައްކާތެރިކަމަށާއި ދަނޑުވެރިންގެ ދިރިއުޅުމަށް ބޮޑު އަސަރެއް ކުރާ ކަންކަމެވެ.

 

ބައްދަލުވުމުގައި ވައު އަދި ކާޅު ފަދަ ދިރޭތަކެތީގެ މުހިންމުކަން ފާހަގަކޮށްފައިވާއިރު، މި ތަކެތީގެ ވެށި ހިމާޔަތްކުރުމާއެކު، އޭގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކަށް ހައްލު ހޯދުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. އަދި ތަރައްގީގެ މަޝްރޫއުތަކުގެ ސަބަބުން ދަނޑުތަކާއި ރާއްޖޭގެ އަސްލު ރުއްގަސް ނައްތާލެވެމުންދާ މައްސަލައާއި، ރާއްޖެއަށް އަލަށް ތައާރަފުކުރެވޭ ބޭރުގެ ދިރޭތަކެތީގެ ސަބަބުން ތިމާވެއްޓަށް ކުރިމަތިވާ ނޭދެވޭ އަސަރުތަކާ މެދު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

 

މީގެއިތުރުން މިފަދަ ކަންކަމުގެ ސަބަބުން ރާއްޖޭގެ ތިމާވެށްޓަށާއި ސަގާފީ ތަރިކައަށް ނުރައްކާވެދާނެކަން ވެސް ފާހަގަކުރެއްވިއެވެ.

 

މި ބައްދަލުވުމުގެ މަގްސަދަކީ ތިމާވެއްޓާ ރައްޓެހި، ދެމެހެއްޓެނިވި ގޮތެއްގައި ދަނޑުވެރިކަން ކުރިއެރުވުމާއި، ދަނޑުވެރިންނަށް އެހީތެރިވުމަށް ޢަމަލީ ފިޔަވަޅުތަކެއް އެޅުމެވެ. މި މަގްސަދު ހާސިލުކުރުމަށްޓަކައި، ސައިންސްގެ ހޯދުންތަކަށް ބިނާކޮށް، ތިމާވެއްޓަށާއި މުޖުތަމައަށް ފައިދާހުރި ހައްލުތަކެއް ހޯދުމަށް މަސައްކަތްކުރުމަށް ވަނީ އެއްބަސްވެފައެވެ.

 

މިނިސްޓަރ ޠާރިޤް އިބްރާހީމް ވިދާޅުވީ މި މައްސަލަތަކަކީ އަޅުގަނޑުމެންގެ ކާބޯތަކެތީގެ ރައްކާތެރިކަމަށާއި، ގައުމުގެ އިގްތިސާދަށް ސީދާ އަސަރުކުރާ ކަންކަން ކަމުގައެވެ.

 

"އަޅުގަނޑުމެން މިތިބީ މި ގޮންޖެހުންތަކަށް ދެމެހެއްޓެނިވި ޙައްލުތަކެއް ހޯދުމަށް ފުރިހަމައަށް ތައްޔާރަށެވެ. އަޅުގަނޑުމެން މި މަޝްވަރާތައް ކުރިއަށް ގެންދާނަން، އަދި ދަނޑުވެރިންނާއި ތިމާވެށި ރައްކާތެރިކުރުމަށް އަވަސް ފިޔަވަޅުތަކެއް އަޅާނަމެވެ."

 

މިނިސްޓަރ މަރްޔަމް މާރިޔާ ވެސް މި މައްސަލަތަކުގެ މުހިންމުކަން ފާހަގަކުރައްވާފައި ވެއެވެ. އެގޮތުން ރާއްޖޭގެ ދަނޑުވެރިކަމާއި ތިމާވެށި ރައްކާތެރިކުރުމަކީ ގައުމީ ވާޖިބެއްކަން ފާހަގަކުރެއްވިއެވެ. އަދި ހުރިހާ ފަރާތްތަކަކާއެކު މަސައްކަތްކޮށް، މި ދާއިރާ ކުރިއެރުވުމަށް ބޭނުންވާ ސިޔާސަތުތަކާއި ޕްރޮގްރާމްތައް ތަންފީޒުކުރުމަށް ތައްޔާރަށްތިބި ކަމުގައި ވިދާޅުވިއެވެ.

 

އީޕީއޭގެ ފަރާތުން މި ބައްދަލުވުމުގައި ބައިވެރިވި އިސް އޮފިޝަލަކު ވިދާޅުވީ ރާއްޖޭގެ ހާއްސަ ތިމާވެށި ރައްކާތެރިކުރުމަކީ އެންމެ އިސް އަމާޒު ކަމަށެވެ. އަދި މަސައްކަތްކުރާނީ ދަނޑުވެރިކަމާއި ތިމާވެށި ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓޭނެ ގޮތްތައް ހޯދުމަށް ކަމަށް ވެސް ވިދާޅުވިއެވެ.

 

މި ބައްދަލުވުމުގައި ކުރިއަށް އޮތް ތަނުގައި މި މައްސަލަތަކަށް ޙައްލު ހޯދުމަށް އެކުލަވާލެވޭނެ ޕްލޭނެއްގެ އަސާސްތައް ކަނޑައެޅުނެވެ. މީގެތެރޭގައި ދަނޑުވެރިންނަށް އިތުރު އެހީތެރިކަން ފޯރުކޮށްދިނުމާއި، ތިމާވެށި ރައްކާތެރިކުރުމަށް އިތުރު ފިޔަވަޅުތައް އެޅުން ހިމެނެއެވެ. އަދި މި މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ހާއްސަ ކޮމިޓީއެއް އުފެއްދުމަށް ވެސް ވަނީ ނިންމާފައެވެ.

 


ކޮމެންޓް