ޕޮލިސް ބޯޑަށް އާއްމުންގެ ތެރެއިން އައްޔަން ކުރާ ދެ މެންބަރުންގެ ގޮތުގައި އަޙްމަދު މިޒްމާދު އާއި މުޙައްމަދު ޞާދިގު އައްޔަންކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
އެ ބޯޑަށް ކުރިމަތިލުމަށް މިދިޔަ ފެބްރުއަރީ މަހު ހުޅުވާލުމުން ހަތަރު ބޭފުޅަކު ކުރިމަތިލައްވާފައިވާއިރު، މިޒްމާދާއި ސޯދިގު އައްޔަންކުރެއްވުމަށް ފާސްވީ މާރޗު 17 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި 64 މެންބަރުންގެ ވޯޓުންނެވެ.
މި ބޯޑަށް 4 ބޭފުޅަކު ކުރިމަތިލެއްވިނަމަވެސް ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީން މައްސަލަ ދިރާސާކޮށް ނިންމުމަށްފަހު ފާސްކޮށްފައިވަނީ ދެ މެންބަރުންގެ ނަމެވެ.
ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނުގެ 75 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އެކުލަވާލެވޭ ޕޮލިސް ބޯޑަށް، އެ މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ފަދައިން އާންމުކޮށް ހުޅުވާލައިގެން އާންމު ރައްޔިތުންގެ ތެރެއިން ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުން ދެ މެންބަރުން ކަނޑައަޅުއްވަން ޖެހެއެވެ. އެ މަގާމުތަކަށް އައްޔަން ކުރައްވާ މެންބަރުންގެ ދައުރަކީ ހަތަރު އަހަރު ދުވަހެެވެ.
ފުލުހުންގެ ހިދުމަތުގެ ގާނޫނުގެ ދަށުން އެކުލަވާލާ މި ބޯޑު އެކުލެވިގެން ވަނީ 7 މެންބަރުންގެ މައްޗަށެވެ. އެއީ ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާ ދެ މެންބަރުންނާއި ފަންނީ ދާއިރާއަކުން ތައުލީމާއި ތަޖުރިބާ ލިބިފައިވާ ތިން މެންބަރުންނާއި އާއްމުންގެ ތެރެއިން އައްޔަން ކުރާ ދެ މެންބަރުންނެވެ.
ޕޮލިސް ބޯޑަށް އާންމުންގެތެރެއިން އައްޔަންކުރާ މެންބަރުކަމަށް ހުޅުވާލީ އެމަގާމުގައި މިހާރު ތިއްބެވި ދެ މެންބަރުންގެ ދައުރު ހަމަވާތީއެވެ. އެ ބޯޑުގައި އާންމުގެ ފަރާތުން މިހާރު ތިއްބަވަނީ ހ. ޝޭޑީކޯނަރ، ޙާމިދު ޢަބްދުލްޣަފޫރާއި، ސ. ހުޅުދޫ ދެތަނޑިމާގެ އަލްއުސްތާޛާ ޞަފާ ޝަރީފެވެ.
އެންމެ ގިނައިން މާކްސް ލިބިފައިވާ ސޯދިގަކީ ގިނަ ދުވަސްތަކެއް ވަންދެން ފުލުހުންގެ ދާއިރާގައި ހިދުމަތް ކުރެއްވި ބޭފުޅެކެވެ. އެގޮތުން ޑެޕިއުޓީ ކޮމިޝަނަރުކަމުގެ މަގާމުގައި ހުންނެވުމަށްފަހު ރިޓައަރކުރައްވާފައިވަނިކޮށް، ޖެންޑަރ މިނިސްޓްރީގެ ނައިބުގެ މަގާމަށް އައްޔަން ކުރެއްވީ ރައީސް ޔާމީންގެ ވެރިކަމުގައި 2015 ވަނަ އަހަރުއެވެ. ސޯދިގު މިހާރު ހުންނެވީ ފުލުހުންގެ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ އިސްތިއުނާފު ކޮމިޓީގެ ރައީސަކަށެވެ.
ދެވަނައަށް އެންމެ ގިނަ މާކްސް ކޮމިޓީން ލިބިވަޑައިގެންނެވި މިޒްމާދު ވަނީ ގާނޫނީ ދާއިރާ އިން މަތީ ތައުލީމު ހާސިލު ކުރައްވާފައެެވެ. އަދި ވަކީލެއްގެ ގޮތުގައި މިހާރު މަސައްކަތް ކުރައްވަމުން ގެންދަވާއިރު، އޭނާ ވަނީ ޕްލޭނިންގ މިނިސްޓްރީ އާއި ރައީސް އޮފީހުގައި ވެސް މަސައްކަތް ކުރައްވާފައެވެ.
މީގެއިތުރުން ނޫސްވެރިކަމުގެ ދާއިރާގައި ވެސް މަސައްކަތް ކުރައްވާފައިވާއިރު، މިޒްމާދަކީ މޯލްޑިވްސް މީޑިއާ ކައުންސިލުގެ 7 ވަނަ ދައުރުގައި އިންތިހާބުވި މެމްބަރެއް ވެސް މެއެވެ. އެމްއެމްސީގައި އޭނާގެ ދައުރު ހަމަވާނީ މިހާރުހިނގާ 8 ވަނަ ދައުރުގެ ތެރެއިންނެވެ.