ފުޅާ ދާއިރާއެއްގައި ހަށި ވިއްކުމުގެ ވިޔަފާރިކުރަމުންދިޔަ 3 ބިދޭސީއަކު މޯލްޑިވްސްގެ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސް، އޭގެތެރެއިން ދެ މީހަކު ޑީޕޯޓްކޮށްލައިފިއެވެ.
މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވީ ރާއްޖޭގައި ވޯކް ވިސާގައި އުޅެމުންދިޔަ ތިން ބިދޭސީ އަންހެނަކު ފުޅާދާއިރާއެއްގައި ހަށިވިއްކުމުގެ ވިޔަފާރި ކުރަމުންދާ މައްސަލައަކާއި ގުޅިގެން އިމިގްރޭޝަނާއި ފުލުހުން އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށެވެ. އަދި އެ އޮޕަރޭޝަނުގައި ތިން މީހެއް ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށެވެ.
މީގެތެރެއިން ދެ މީހަކު މިހާރު ޑީޕޯޓުކޮށްފައިވާއިރު، އަނެއް މީހާ ޑީޕޯޓުކުރުމުގެ މަސައްކަތް އިމިގްރޭޝަނުން ކުރަމުން އަންނަކަމަށް ވިދާޅުވެއެވެ.
ރާއްޖޭގައި ފުޅާދާއިރާއެއްގައި ހަށިވިއްކުމުގެ ވިޔަފާރިކުރަމުންދިޔަ ފަސް މީހަކު ވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ވެސް ހައްޔަރުކޮށްފައެވެ.
އިމިގްރޭޝަނުން ހާމަކޮށްފައިވާ މައުލޫމާތުން އެނގޭގޮތުގައި ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ހަށިވިއްކުމުގެ ވިޔަފާރި ކުރަމުންދާކަމަށް ތުހުމަތުކުރެވޭ ބިދޭސީން ހޯދުމަށްޓަކައި އިމިގްރޭޝަނާއި ފުލުހުން ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަންތަކެއްގެ ދަށުން، ވިއެޓްނާމްގެ 4 އަންހެނުންނާއި އެޖެންޓެއްގެ ގޮތުގައި މަސައްކަތްކުރި 1 ފިރިހެނަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވިފައެވެ.
އެޖެންޓާއި އޭގެތެރެއިން 3 އަންހެނުން ރާއްޖޭގައި އުޅެމުންދިއައީ ވޯކް ވިސާގައި ކަމަށާއި މި މައްސަލަތައް އިތުރަށް ތަހްގީގުކުރުމަށްފަހު، އޭގެތެރޭގައި ހިމެނޭ އަންހެނަކު ވަނީ ޑިޕޯޓުކޮށްލާފައެވެ.
ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދައި، އެ މީހުން ގާނޫނީ އިމުގެ ތެރެއަށް ގެނެސް ނުވަތަ އެ މީހުން ޑީޕޯޓުކުރުމަށް މޯލްޑިވްސް އިމިގްރޭޝަނުން ދަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.
އެގޮތުން އިމިގްރޭޝަން ވޮޗަށް ހުށައެޅޭ ތަފާތު މައްސަލަތަކާ ގުޅިގެން ހިންގާ ރެއިޑްތަކާއި އޮޕަރޭޝަންތަކާއި އެ އިދާރާއިން އަމިއްލައަށް އިސްނަގައިގެން ހިންގާ ތަފާތު އޮޕަރޭޝަންތަކުގެ ތެރެއިން ވެސް ބިދޭސީ ހަރަކާތްތެރިވާ ތަންތަން ދަނީ ބަލައި ފާސްކުރަމުންނެވެ.