ހަބަރު

ރޯދައިގެ ރޫޙު - ހުނަރާއި އިތުރު ގާބިލްކަމުގެ ނަމުގައި ތަމްރީނު ޕްރޮގްރާމެއް

ފޮޓޯ: މިނިސްޓްރީ

ރޯދައިގެ ރޫޙު - ހުނަރާއި އިތުރު ގާބިލްކަމުގެ ނަމުގައި ތަމްރީނު ޕްރޮގްރާމެއް ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާ އިން ބާއްވައިފިއެވެ.

 

އެ ވުޒާރާގެ ހުރިހާ މުވައްޒަފުންނަށް ހާއްސަކޮށްގެން ބޭއްވި މި ހަފުލާގައި ތަމްރީނު ޕްރޮގްރާމް ކުރިއަށް ގެންގޮސް ދެއްވާފައިވަނީ ކުރީގެ މާލީ ވަޒީރު ޑރ. މުޙައްމަދު ޝަފީޤުއެވެ.

 

މި ތަމްރީނު ޕްރޮގްރާމަކީ ދިވެހި ގައުމިއްޔަތުގެ ދާއިރާގެ އިދާރީ މަސައްކަތްތަކާއި ޢަމަލީ މަސައްކަތްތައް ހަލުއިކުރުމާއި ފެންވަރު ރަނގަޅުކޮށް ހިދުމަތްތެރީންގެ މެދުގައި ގުޅުންތައް ބަދަހިކުރުމަށް މިވަގުތު ފެށިފައިވާ މަސައްކަތްތަކާ ބެހޭ ތައާރަފު ބައްދަލުވުމެކެވެ.

 

ޑރ. ޝަފީޤް ވަނީ އާންމު ދިރިއުޅުމުގައާއި ވަޒީފާގެ މާހައުލުގައި ގެންގުޅުން މުހިއްމު ސިފަތަކާއި ގުޅޭގޮތުން ވާހަކަދައްކަވާފައެވެ. އެގޮތުން އެކަކު އަނެކަކަށް އިހްތިރާމް ކުރުމާއި ކެތްތެރިކަމާއެކު ކަންކަމާ ކުރިމަރިލެއްވެވުމަށް ވަނީ އެދިވަޑައިގެންފައެވެ. އަދި ކަންކަން ނިންމުމުގައި އޭގެ ސަބަބުން އެހެން މީހުންނަށް އަދި ތިމާއަށް ވެސް ފަހުން ދިމާވެދާނެ ދަތިތަކަށް ވިސްނުމަށް ނަސޭހަތްތެރިވިއެވެ.

 

މީގެއިތުރުން ވަޒީފާގެ މާހައުލުގަޔާއި އާންމު ދިރިއުޅުމުގައި ކުރާ ކޮންމެ ކަމަކީ ރަނގަޅަށް ވިސްނުމަށްފަހު، ނިންމުންތައް ނިންމުމުގެ މުހިންމުކަމަށް އަލިއަޅުވާލެއްވިއެވެ. އަދި ކަންކަން ނިންމުމުގައި އަމިއްލަ މީހާއަށް ވިސްނާލުމުގެ މުހިއްމުކަން ވެސް ފާހަގަ ކުރެއްވިއެވެ.

 

ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވިދާޅުވީ ސަރުކާރުގެ މައިގަނޑު ސިޔާސަތަކީ ފާއިތުވި އަހަރަށް ވުރެ އެތައް ގުނައެއް ހަލުވިކޮށް މަސައްކަތްތައް ކުރިއަށް ގެންދެވުން ކަމަށެވެ. އެގޮތުން ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުފުޅުތަކުގެތެރޭން އެވުޒާރާއާ ހަވާލުކުރައްވާފައިވާ މަސައްކަތްތައް، ތާވަލާއެއްގޮތަށް ކުރިއަށް ގެންދެވުމުގެ މަސައްކަތްތައް ކުރަމުން އަންނަ ކަމުގައި ވިދާޅުވިއެވެ.

 

އެގޮތުން އެވުޒާރާއި ހަވާލުކުރެވިފައިވާ މަސައްކަތްތައް ވީހާވެސް ފުޅާކޮށް އަދި ކުލަ ގަދަކޮށް ފާހަގަކުރުމަށް މަސައްކަތް ކުރައްވާ ކަމަށް ވިދާޅުވިއެވެ. އަދި ކުރާ ބައެއް މަސައްކަތްތަކަކީ އެހެން ވުޒާރާތަކާ ގުޅިގެން ނުވަތަ ބައެއް ދާއިރާތަކުގެ ބޭފުޅުންނާއި ގުޅިގެން ކުރާ މަސައްކަތްތަކެއްކަން ވަނީ ފާހަގަ ކުރައްވާފައެވެ.

 

ހަމަމިއާއެކު މިފަދަ ހަރަކާތްތައް ކާމިޔާބު ކަމާއެކީ ކުރިއަށް ގެންދިއުމުގައި މުވައްޒަފުންގެ ގުޅުންތެރިކަމާއި އެހީތެރިކަން ވަރަށް ބޮޑަށް ބޭނުންވާނެކަން ވެސް ވަޒީރު ފާހަގަކުރައްވާފައި ވެއެވެ.

 


ކޮމެންޓް