ހަބަރު

މުރަކަ ވިއްސާ މަޝްރޫއު އިފްތިތާހުކޮށްފި

މުރަކަ ވިއްސާ މަޝްރޫއު "ރީފްސީޑް" އިފްތިތާހުކޮށްފިއެވެ.

މިއީ އެކުއަކަލްޗަރ ސިސްޓަމެއް މެދުވެރިކޮށް މުރަކަ ވިއްސާ ފުޅާ ދާއިރާއެއްގައި ފަރުތައް އިޔާދަ ކުރުމުގެ މަގުސަދުގައި ކުރިއަށްގެންދާ މަޝްރޫއެކެވެ.

މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓާއި (އެމް.އެމް.އާރް.އައި) އޮސްޓްރޭލިއަން އިންސްޓިޓިއުޓް ފޮރ މެރިން ސައިންސް (އެއިމްސް) އަދި ކޮމަންވެލްތް ސައިންޓިފިކް އެންޑް އިންޑަސްޓްރިއަލް ރިސާރޗް އޯގަނައިޒޭޝަން (ސީއެސްއައިރޯ) އާއި ގުޅިގެން ކުރިއަށްގެންދާ މި މަޝްރޫއަކީ ކޮރަލް ރިސާރޗް އެންޑް ޑިވެލޮޕްމަންޓް އެކްސެލެރޭޓަރ ޕްރޮގްރާމް (ކޯޑެޕް) ގެ އެހީގައި ހިންގޭ 3 އަހަރު ދުވަހުގެ މަޝްރޫއެކެވެ.

މި މަޝްރޫއުގެ ޢަމަލީ މަސައްކަތްތައް ރާއްޖޭގައި ފެށުން ފާހަގަކުރުމަށްޓަކައި "ރީފް ސީޑް ޑެމޮންސްޓްރޭޝަން ޑޭ" ގެ ނަމުގައި ހާއްސަ ހަރަކާތެއް ބާއްވާފައިވަނީ މާރޗު 17 ވަނަ ދުވަހު ކ. މަނިޔަފުށީގައެވެ.

ރީފްސީޑް ޕްރޮޖެކްޓްގެ ދަށުން "ރީފްސީޑް ސިސްޓަމް"ގެ ނަމުގައި މުރަކައިގެ ބިސް އަދި ލާރވޭ ބޭނުންކޮށްގެން މުރަކަ އާލާކުރުމުގެ ހާއްސަ އެކުއަކަލްޗަރ ކޮންޓެއިނަރ ސިސްޓަމެއް އޮސްޓްރޭލިޔާގައި ތައްޔާރުކޮށް، އެ ސިސްޓަމް މިހާރު ވަނީ ކ. މަނިޔަފުށީގައި ހިންގާ މެރިކަލްޗަރ ރިސާރޗް އެންޑް ޓްރެއިނިންގ ފެސިލިޓީގައި ބެހެއްޓިފައެވެ.

ރާއްޖޭގައި އާންމުކޮށް މުރަކަ ވިހާ ދުވަސްވަރު ކަމަށްވާ ފެބްރުވަރީ އާއި މެއި މަހާއި ދެމެދެ ރީފްސީޑް ސިސްޓަމްގެ ބޭނުންކުރުން ފަށައި، އެ ސިސްޓަމްގެ ޒަރީއްޔާއިން ފަރުތައް އިޔާދަކުރުން ތަޖުރިބާ ކުރުމުގެ ތައްޔާރީތައް ދަނީ ވަމުންނެވެ.

މިސިސްޓަމްގައި މުރަކައިގެ ބިސް، އެކުއަކަލްޗަރ ފަންނުތައް ބޭނުންކޮށްގެން ލާރވޭގެ ސްޓޭޖުން ފަރުތަކުގައި އަށަގަންނަ މިންވަރަށް ބޮޑުކޮށް އަދި ކަނޑައެޅޭ ފަރުތަކަށް ބަދަލުކޮށް، މި ޓެކްނޮލޮޖީގެ ޒަރިއްޔާއިން ފުޅާ ދާއިރާއެއްގައި ފަރުތައް އިޔާދަކުރުމުގެ ފުރުސަތު އޮތް މިންވަރު ދެނެގަތުމުގެ ދިރާސާ މަސައްކަތްތައް ކުރުން ވަނީ ހަމަޖެހިފައެވެ.

ރީފްސީޑް ޕްރޮޖެކްޓްގެ ޢަމަލީ މަސައްކަތްތައް ރާއްޖޭގައި ފެށުމުގެ ކުރިން އެމް.އެމް.އާރް.އައިގެ މުވައްޒަފުން ވަނީ 2024 ވަނަ އަހަރު، އޮސްޓްރޭލިއާގެ އެއިމްސްގެ ފެސިލީޓީގައި މުރަކަ ވިއްސާ އާލާކުރުމާއި ފަރުތައް އިޔާދަކުރުމުގެ ފަންނުތައް އުނގެނި ރީފްސީޑް ސިސްޓަމް ބޭނުންކުރުމަށް ތަމްރީނުދެވިފައެވެ. "ރީސް ސީޑް ޑެމޮންސްޓްރޭޝަން ޑޭ" ގޮތުގައި މަނިޔަފުށީގައި ބޭއްވުމަށް ހަމަޖެހިފައިވާ ހަރަކާތުގައި، ފަރުތައް ހިމާޔަތްކޮށް އިޔާދަކުރުމުގެ މަސްލަހަތުވެރި ސަރުކާރުގެ އިދާރާތަކާއި ޖަމްއިއްޔާތަކުގެ ބޭފުޅުން ރީފްސީޑް ސިސްޓަމަށް އަހުލުވެރިކުރުވައި އަދި ކުރިއަށް ރޭވިފައިހުރި މަސައްކަތްތަކުގެ މައުލޫމާތު ދިނުން ހިމެނެއެވެ.

 


ކޮމެންޓް