މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯގެ އަމާޒަކީ ފުޓްބޯޅަ ކުޅުން ހުއްޓާލުމަށްފަހު، އަމިއްލަ ފުޓްބޯޅަ ކުލަބެއް ހިންގުން ކަމަށް ބުނެފިއެވެ.
އޭނާ މިހެން ބުނެފައިވަނީ ދުބާއީ ގްލޯބް އެވޯޑްސްގެ ހަފްލާގެ ތެރެއިން އެ އިވެންޓުގެ ޕްރެޒެންޓަރ ކުރި ސުވާލަކަށް ޖަވާބު ދެމުންނެވެ.
ޕޯޗުގަލް އާއި އަލް ނަސްރުގެ ފޯވަރޑް ކްރިސްޓިއާނޯ ރޮނާލްޑޯ މިހެން ބުނިނަމަވެސް ގަންނަން އުޅެނީ ކޮން ގައުމެއްގެ ކޮން ކްލަބެއް ކަމެއް ހާމައެއް ނުކުރެއެވެ. އެކަމަކު މެންޗެސްޓަރ ޔުނައިޓެޑަކީ އޭނާއަށް ވަރަށް ހާއްސަ ކްލަބެއްކަން ތަކުރާރުކޮށް ފާހަގަކޮށްފައި ވެއެވެ.
މީގެއިތުރުން އޭނާ ކުޅުން ހުއްޓާލާނެ ވަކި ތާރީހެއް ހާމަނުކޮށް ބުނީ އޭނާ އަކީ އަދިވެސް ޒުވާން ކުޅުންތެރިއެއް ކަމަށެވެ.
ދުބާއީގައި ބޭއްވި ދުބާއީ ގްލޯބް އެވޯޑްސްގައި އަހަރުގެ އެންމެ މޮޅު ކުޅުންތެރިއާގެ މަގާމް ރެއާލް މެޑްރިޑްގެ ވިނިޝިއަސް ޖޫނިއަރ އަށް ލިބުމުން އެއީ އޭނާއަށް ހައްގު އެވޯޑެއް ކަމަށް ވެސް ރޮނާލްޑޯ ވަނީ ބުނެފައެވެ.
މި ހަފްލާގައި މެދު އިރުމަތީގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ލުބުނީ ރޮނާލްޑޯއަށެވެ. އަދި އަހަރުގެ އެންމެ މޮޅު ކްލަބަކަށް ސްޕެއިންގެ ރެއާލް މެޑްރިޑް ހޮވުނުއިރު، އެންމެ މޮޅު ކޯޗުގެ މަގާމް ލިބިފައިވަނީ ކާލޯ އެންޗެލޮއްޓީ އަށެވެ.