ރާއްޖޭގެ އަންހެން ގައުމީ ޓީމު އިންޑިއާއެކު ކުޅުނު ރަހްމަތްތެރިކަމުގެ މެޗު އިންޑިއާ އިން ކާމިޔާބުކޮށްފިއެވެ.
ޑިސެމްބަރ 30 ވަނަ ދުވަހު ކުޅުނު މި މެޗުގައި އިންޑިއާ އިން 14 ލަނޑު ޖެހިއިރު، ރާއްޖޭގެ ޓީމަށް ސުންކަނޑުވާލެވޭގޮތް ވަނީ ނުވެފައެވެ.
ބެންގަލޫރުގައި ކުޅުނު މި މެޗުގައި އިންޑިއާގެ ލިންޑާ ކޮމް ހަތަރު ގޯލު ޖެހިއިރު، ޕިޔާރީ ޒާޒާ ވަނީ ތިން ގޯލު ޖަހާ ހެޓްރިކް ހަދާފައެވެ. އަދި ނޭހާއާއި ކާޖަލް ޑި ސޫޒާ، ކޮންމެ ކުޅުންތެރިޔަކު ދެ ގޯލު ޖެހިއިރު، ގީތާ ބަސްފޯރު، ރަންޖަނާ ޗަނޫ އަދި ރިމްޕާ ހަލްދާރު ވެސް ވަނީ ގޯލު ޖަހާފައެވެ.
މިއީ ރާއްޖެއިން އެ ގައުމާއެކު ކުޅޭ ރަހްމަތްތެރިކަމުގެ ދެ މެޗުގެ ތެރެއިން ފުރަތަމަ މެޗެވެ. ދެވަނަ މެޗު ކުޅުމަށް ތާވަލުކޮށްފައިވަނީ އަންނަ ޖަނަވަރީ މަހުގެ ދެވަނަ ދުވަހުއެވެ.